ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކު އިސްތިއުފާ ނުދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރަން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފައިވަނިކޮށް، އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކުއްލި ގޮތަކަށް ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ.
ޖޭއެސްސީން ސަސްޕެންޑުކުރީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ. މި ފަނޑިޔާރުންނާ ގުޅޭގޮތުން އޭސީސީން ބަލަނީ ކޮން މައްސަލައެއް ކަމެއް މިހާތަނަށް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމިއްލަ މަސްލަހަތު އިސްނުކޮށް ގައުމީ މަސްލަހަތު އިސްކުރުމަށާއި އެއްވެސް ފަނޑިޔާރަކު މަގާމުން އިސްތިއުފާ ނުދެއްވުމަށް ގޮވާލާ ކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ތިރިކުރި ނަމަވެސް ދެ ފަނޑިޔާރަކު ބޭރުކުރެވޭނެ ގޮތެއް އަދި ނެތް ކަމަށާއި އެކަން ކުރުމަށް އެ ބޭފުޅުންގެ ކުށްތަކެއް ހޯދަންޖެހޭއިރު ސަރުކާރުން މިހާރު އެ ކުރަނީ އެ މަސައްކަތް ކަމަށް ޔާމީން ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑް ކުރުމުން ދެން ތިބި އެހެން ބައެއް ފަނޑިޔާރުންތައް މަގާމުން އިސްތިއުފާ ދެއްވަފާނެ ކަމަށް ސަރުކާރުން ހީކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ނަމަވެސް އިސްތިއުފާ ދެއްވުމަކީ ރިވެތި ގޮތެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
"ރިވެތި ގޮތަކީ ގާނޫނު އަސާސީއާ ދިވެހި ދައުލަތް ހިމާޔަތްކުރުން. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދަންނަވާލާނީ ކެތްތެރިކަމާއެކީ މިފަހަރު އަމިއްލަ މަސްލަހަތަށް ވުރެ ދައުލަތުގެ މަސްލަހަތު އިސްކުރައްވާށޭ. ދިވެހި ގައުމަށްޓަކާ އިސްތިއުފާ ނުދެއްޗޭ އެކަކު ވެސް،" ޔާމީން ވިދާޅުވި އެވެ.