Last Updated: May 12, 23:01
Monday, May 12, 2025
ޚަބަރު

ރާއްޖޭގައި މިހާރު ގާނޫނީ ސަރުކާރެއް ނެތް

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު- ފޮޓޯ: އެމްޑީޕީ

ރާއްޖޭގައި މިހާރު ގާނޫނީ ސަރުކާރެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ޝާހިދު ވިދާޅުވީ ރާއްޖޭގައި މިހާރު ގާނޫނީ ހައިސިއްޔަތެއް އޮތް ސަރުކާރެއް ނެތް ކަމަށާއި ސަރުކާރުން ގާނޫނުއަސާސީއާ ކުޅެ، ކޯޓުތަކަށް އަތް ބާނާފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކަރުގައި ވާ ޖަހައި އެއީ އެންމެ މީހަކު ކޮންޓްރޯލް ކުރާ ތަނަކަށް ހަދާފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ޕީޕީއެމް/ޕީއެންސީ އަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު ގާނޫނު އަސާސީ އޮޅާލަމުންދާ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ހަމަ މި ސަކަރާތް ޖެހި ކަމަށް ޝާހިދު ވިދާޅުވި އެވެ. މިފަހަރު ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނުނެގި ނަމަވެސް އެތަނުގައި ތިބި ފަނޑިޔާރުންތަކެއް ވަގަށް ގެންގޮސްފައިވާ ކަމަށާއި ރާއްޖޭގެ ކަންކަން މިހާރު އޮތީ މިހާ ހިސާބުގައި ކަމަށްވެސް ވިދާޅުވި އެވެ.

"މިހާ ހިސާބަށް ކަންކަން ދިޔުމުން ގާނޫނީ ހައިސިއްޔަތެއް އޮތް ސަރުކާރެއް ރާއްޖޭގައި އޮތް ކަމަށް ގަބޫލުކުރެވިގެން ނުވާނެ،" ޝާހިދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފައިވަނިކޮށް، އޭސީސީން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކުއްލި ގޮތަކަށް ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފަ އެވެ.

ޖޭއެސްސީން ސަސްޕެންޑުކުރީ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރެވެ. މި ފަނޑިޔާރުންނާ ގުޅޭގޮތުން އޭސީސީން ބަލަނީ ކޮން މައްސަލައެއް ކަމެއް މިހާތަނަށް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.