Last Updated: May 12, 23:01
Monday, May 12, 2025
ޚަބަރު

ގޮނޑި ގެއްލުވާލައިފި ނަމަ އަޒާން އިންތިހާބުކޮށް ދޭނަން

ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާންގެ ގޮނޑި ގެއްލުވާލައިފި ނަމަ އެ ގޮނޑި އަށް އޭނާ އަލުން އިންތިހާބުކޮށް ދޭން ގަދައަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް އަޒާން ވޯޓު ދެއްވާފައި ނުވާއިރު، ޔާމީން ވިދާޅުވީ އަޒާންއާ ދޭތެރޭ ފަހުރުވެރިވާ ކަމަށާއި މަޖިލިސް މެމްބަރަކަށް ނުވާއިރު ވެސް ރައްޔިތުންނާއި ގާނޫނުގެ ހައްގުގައި އަޒާން ދައްކަމުން އައި ވާހަކަތައް ދުވަސްތަކެއް ފަހުން ނަމަވެސް އަމަލުން ދައްކުވައިދީފައިވާ ކަމަށެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބާރުތައް ދިނުމުގައި އަޒާންގެ ވެސް "ފެއިލިން"އެއް އޮތް ކަމަށް ގަބޫލުކުރަންޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ފަހު ވަގުތު ނަމަވެސް ކެރިގެން ހައްގު މަގުން އަޒާނަށް ހިނގަން ކެރުނީތީ އޭނާއަށް ފުރިހަމަ އަށް ތާއީދުކުރާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޒާންގެ ގޮނޑި ގެއްލިގެން އަޒާން ހޮވުމަށް ކުރާ މަސައްކަތުގައި، ކުރީގައި ވެސް އަޅުގަނޑު މަސައްކަތްކޮށްދިނިން އިންތިހާބުގައި. މިފަހަރު އަދި އެއަށް ވުރެ ވަރުގަދަ އަށް މަސައްކަތްކޮށްދޭނަން،" ޔާމީން ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރަން މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދު ނުކުރަން އަޒާން ނިންމެވީ އެ ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލަކަށް ވާތީ އެފަދަ ބިލަކަށް ތާއީދު ކުރުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމުގައި ދެކޭތީ އެވެ.

އަޒާން ވިދާޅުވީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތް ނަމަ ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކަން ބަލައި އެފަދަ މައްސަލައެއް ސާބިތުވާ ނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކި ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ އުސޫލުގެ ބޭރުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީ އަށް އޮއްވައި ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި ދެ ފަނޑިޔާރަކު މަދު ކުރަން މަޖިލީހުން ނިންމުމަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަޒާން ވިދާޅުވި އެވެ.

އެ ބިލަށް ތާއީދު ނުކުރި ނަމަވެސް އައްޑޫ ރައްޔިތުންނަށް ކޮށްދޭން ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭ ނަމަ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުމުގައި ދެމި ހުންނަވާނެ ކަމަށް އަޒާން ވިދާޅުވި އެވެ.