އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޔުކްރޭނުގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީއާ ދެމެދު ހިނގި ހޫނު ޒުވާބަކަށް ފަހު، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ޒެލެންސްކީ ނެރެލައިފި އެވެ.
ވައިޓްހައުސްގެ އޯވަލް އޮފީހުގައި މީޑިއާގެ ކުރިމަތީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ޓްރަމްޕް އާއި ޒެލެންސްކީގެ އިތުރުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި އެމެރިކާގެ ނައިބު ރައީސް ވަނީ ރަޝިއާ-ޔުކްރޭނު ހަނގުރާމަ ނިމުމަކަށް އަންނަން ޖެހޭނީ ޑިޕްލޮމެސީގެ ތެރެއިން ކަމަށް ވިދާޅުވެފަ އެވެ. ޒެލެންސްކީ ވަނީ އެއީ ކޮން ކަހަލަ ޑިޕްލޮމެސީއެއްތޯ ޒެލެންސްކީ ސުވާލު ކުރުމުން ވޭންސް ވަނީ އެމެރިކާ އަށް ވަޑައިގެން އެގައުމަށް އިހުތިރާމް ކުޑަވާ ގޮތަށް ޒެލެންސްކީ ވާހަކަތައް ދައްކާ ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި އެމެރިކާ އިން ޔުކްރޭނަށް ފޯރުކޮށްދީފައިވާ އެހީތަކަށް ވެސް ޒެލެންސްކީ ޝުކުރުވެރި ނުވާ ކަމަށް ވޭންސް ވަނީ ތުހުމަތުކޮށްފަ އެވެ.
ވޭންސްގެ ވާހަކަތަކަށް ފަހު ޓްރަމްޕް ވަނީ ޒެލެންސްކީ އަށް އެކަށީގެންވާ ވަރަށް ވާހަކަ މިހާރު ދެއްކެވިފައިވާ ކަމަށާއި ޝުކުރުވެރިވުމަށް އެދިވަޑައިގެންފަ އެވެ. އަދި ހަނގުރާމައިން ކުރި ހޯދޭނެ "ކާޑުތަކެއް" މިވަގުތު ޒެލެންސްކީގެ އަތުގައި ނެތް ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ. އެއާއެކު ޒެލެންސްކީ ވަނީ ކާޑުތަކެއް ކުޅެން ނޫޅުއްވާ ކަމަށާއި މިއީ ވަރަށް ސީރިއަސް ކަމެއް ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕްގެ ނުރުހުން ޒެލެންސްކީ އަށް އަމާޒުކުރައްވަމުން ވަނީ ޔުކްރޭނަށް އެންމެ ބޮޑަށް އެހީވި ގައުމަށް ވަޑައިގެން ޒެލެންސްކީ އެމެރިކާ އަށް އިހުތިރާމް ކުޑަވާ ގޮތަށް އަމަލުކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ވައިޓް ހައުސްގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ބައްދަލުވުމަށް ފަހު ޒެލެންސްކީ އާއި ޓްރަމްޕް ވަޑައިގެންނެވީ ވަކި ރޫމަކަށެވެ. އަދި ޒެލެންސްކީ އާއި އޭނާއާއެކު ވަޑައިގެންނެވި ޓީމުގެ ބޭފުޅުން ވައިޓް ހައުސް ދޫކޮށް ވަޑައިގަތުމަށް ޓްރަމްޕް ދެންނެވި ކަމަށްވެސް އޮފިޝަލުން ވިދާޅުވި އެވެ.
އެއާއެކު ޓްރަމްޕް އާއި ޒެލެންސްކީއާއެކު ބާއްވަން ނިންމި ނޫސްވެރިންގެ ބައްދަލުވުން ވެސް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ސޮއިކުރަން ހަމަޖެހުން ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުން ވެސް ވަނީ ފަސްކޮށްފަ އެވެ. އަދި އެމެރިކާގެ ހަޑްސަން އިންސްޓިޓުއުޓްގައި ޒެލެންސްކީ ދެއްވުމަށް ހަމަޖެއްސި ތަގުރީރު ވެސް ފަހުން ވަނީ ކެންސަލްކޮށްފަ އެވެ.
މި ބައްދަލުވުމަށް ފަހު ޓްރަމްޕް 'ޓްރުތް ސޯޝަލް' ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސުލްހަ ގާއިމުކުރަން ޒެލެންސްކީ ބޭނުން ނުވާ ކަމަށާއި އޯވަލް އޮފީހުގައި ޒެލެންސްކީ އެމެރިކާ އަށް އިހުތިރާމް ކުޑަކޮށްފައިވާ ކަމަށެވެ. އަދި ސުލްހަ ގާއިމުކުރަން ބޭނުންވި އިރަކުން ޒެލެންސްކީ އަށް އަލުން އަނބުރާ އެމެރިކާ އަށް ވަޑައިގަތުމަށް ފުރުސަތު އޮންނާނެ ކަމަށްވެސް ޓްރަމްޕް ވިދާޅުވި އެވެ.