Last Updated: April 30, 20:29
Wednesday, April 30, 2025
ޚަބަރު

ރިހި މެޑަލް ހޯދި ބާސްކެޓް ޓީމަށް ހޫނު މަރުހަބާއެއް

ސައުތު އޭޝިއަން ބާސްކެޓުބޯޅަ އެސޯސިއޭޝަން (ސާބާ) ވިމަންސް ޗެމްޕިއަންޝިޕުން ރިހި މެޑަލް ހޯދި ރާއްޖޭގެ ގައުމީ އަންހެން ބާސްކެޓު ބޯޅަ ޓީމަށް ހޫނު މަރުޙަބާއެއް ކިޔައިފި އެވެ.

އިންޑިއާގެ ވެރި ރަށް ނިއު ދިއްލީގައި ބޭއްވި ތިން ވަނަ ސާބާ ވިމަންސް ޗެމްޕިއަންޝިޕްގެ ފައިނަލްގައި ރާއްޖޭގެ ޓީމު ބަލިވީ އިންޑިއާއަތުންނެވެ. ފައިނަލް މެޗުގައި ރާއްޖޭގެ މައްޗަށް އިންޑިއާ ކުރި ހޯދީ 107-32 ގެ ނަތީޖާއަކުންނެވެ.

ނަމަވެސް މުބާރާތުގައި ރާއްޖެ އަށް ރިހި މެޑެލް ލިބުންވެގެން ދިޔައި ތާރީހީ ކާމިޔާބީއަކަށެވެ. އެގޮތުން މިއީ ސާބާ މުބާރާތުގައި ރާއްޖެ އަށް ލިބުނު ފުރަތަމަ ރިހި މެޑަލެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރާއްޖެ އިން ލޯ މެޑަލް ހޯދާފައިވެ އެވެ. އެއީ 2016 އާއި 2022 ގަ އެވެ.

ތާރީޚީ ރިހި މެޑަލް ކާމިޔާބު ކުރި ޤައުމީ އަންހެން ބާސްކެޓު ޓީމު ރާއްޖެ އައުމުން، ވެލާނާ އިންޓަނޭޝަލް އެއާޕޯޓް ވީއައިއޭ) އިން ޓީމަަށް މަރުޙަބާ ދެންނެވީ ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަޠީފާއި ސްޕޯޓް މިނިސްޓަރު ޢަބްދުﷲ ރާފިޢުގެ އިތުރުން އަދި ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ތޮލާލެވެ.

މި އަހަރުގެ ސާބާ ވިމަންސް ޗެމްޕިއަންޝިޕްގައި ވާދަކުރީ ތިން ގައުމެކެވެ. އެއީ ރާއްޖެ އާއި އިންޑިއާގެ އިތުރުން ނޭޕާލެވެ. މުބާރާތް ކުރިއަށް ގެންދިޔައީ ލީގު އުސޫލުންނެވެ. ލީގު ބުރުގެ ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބަލިވި ނަމަވެސް، ދެ ވަނަ މެޗުގައި ނޭޕާލް ބަލިކޮށް ރާއްޖެ މުބާރާތުގެ ފައިނަލުން ޖާގަ ކަށަވަރުކުރި އެވެ.