Last Updated: April 30, 20:17
Wednesday, April 30, 2025
ކުޅިވަރު

އިސްކޯގެ ގޯލުން ބެޓިސް އިން ރެއާލް ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ އިސްކޯގެ ގޯލުން ރެއާލް ބެޓިސް އިން ފަހަތުން އަރައި 2-1 އިން ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.

މި ނަތީޖާއާ އެކު ރެއާލް މިހާރު އޮތީ 26 މެޗުން ލިބުނު 54 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. ދެވަނައިގައި ރެއާލަށް ވުރެ އެއް މެޗު މަދުން ކުޅެ 54 ޕޮއިންޓާ އެކު އޮތީ ބާސެލޯނާ އެވެ. ބާސާ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. އެއްވަނައިގައި 26 މެޗުން 56 ޕޮއިންޓު ހޯދައިގެން އޮތީ އެތްލެޓިކޯ މެޑްރިޑެވެ.

ބެޓިސްގެ ދަނޑުގައި ކުޅުނު މި މެޗުގެ 10 ވަނަ މިނެޓްގައި ރެއާލުން ވަނީ ލީޑު ނަގައިފަ އެވެ. ފާލަންޑް މެންޑީ ދިން ބޯޅައަކުން ރެއާލަށް މި ގޯލު ކާމިޔާބުކޮށްދިނީ ޖަހައިދިނީ ބްރަހިމް ޑިއާޒް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޯނީ ކާޑޯޒޯ، ބެޓިސް އަށް އެއްވަރުކޮށްދިނީ އިސްކޯ ދިން ބޯޅައަކުންނެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ވެސް ބެޓިސް އަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފަ އެވެ.

މެޗުން ބެޓިސް މޮޅުވި ގޯލު ދެވަނަ ހާފްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކުރިން ރެއާލަށް ކުޅުނު އިސްކޯ އެވެ. މިއީ ރެއާލްގެ އެންޓޯނިއޯ ރުޑިގާ އެ ޓީމުގެ އޭރިއާތެރެއިން، ބެޓިސްގެ ޖެސޫސް ރޮޑްރިގޭޒަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.