ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ހިޓްލަރުގެ ގޮތުގައި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަހުމަދު އީސަ ސިފަ ކުރައްވައިފި އެވެ.
ރާއްޖެ ޓީވީގައި އޭނަ ވިދާޅުވީ ދިވެހިންނަށް ނޭނގި ރާއްޖޭގެ ވެރިކަމަށް މިހާރު އައްޔަން ކުރެވިފައި ހުރީ "މި ގައުމުގެ ހިޓްލަރު" ކަމަށެވެ.
އީސަ ވިދާޅުވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރުމާއި، މިނިވަން މުޢައްސަސާތަކަށް އަތްބޭނުން ފަދަ އެތައް ކަމެއް މި ސަރުކާރުގެ ކިބައިން ފެންނަ ކަމަށާއި ސުޕްރީމް ކޯޓުގެ ބާރުތައް ރައީސްގެ އަތް މައްޗަށް ނެންގެވުމުން މުޅި ގައުމުގެ ބާރު ވެސް އެ މަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
އޭނަ ވިދާޅުވީ ދުނިޔެ ދުށް އެންމެ ބޮޑު ހުދުމުހުތާރު ވެރިޔާގެ ގޮތުގައި ސިފަކުރާ ޖަރުމަންގެ ނާޒީންގެ ކުރީގެ ލީޑަރު ޖަރުމަނުގައި އެޑޮލްފް ހިޓްލަރު ވެސް ކުރެއްވި ކަމަކީ ޤާނޫނަށް ބަދަލު ގެންނަވައިގެން، ޤާނޫނަކުން ރައީސަށް ހުރިހާ ބާރެއް ލިބޭ ގޮތް ހަމަޖެއްސުން ކަމަށެވެ. އަދި ރާއްޖެ އިން ވެސް މިހާރު ފެންނަނީ އެ މަންޒަރު ކަމަށް އީސަ ވިދާޅުވި އެވެ.
އެމްޑީޕީ އަށް ނިސްބަތްވާ ވިދާޅުވީ އެއްވެސް ގައުމެއްގައި ޚުދުމުހުތާރު ވެރިކަމެއް ގާއިމު ވަނީ އެއް ދުވަހުން ނޫން ކަމަށެވެ. އެއީ އެކި ދުވަސްތައް މަތިން މިނިވަން މުޢައްސަސާތަކާއި އިދާރާތައް ވެރިމީހާގެ މުށުތެރެ އަށް ލުމާއި، އިދާރާތަކާއި މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ތެރެއިން ރޭވިގެން ހިނގާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މިހާރު ކަރުގައި ވާ ޖަހައިގެން ސުޕްރީމް ކޯޓު ދަމަމުންދާ ކަމަށް ސިފަކުރައްވައި އޭނަ ވިދާޅުވީ ރާއްޖޭގައި އެންމެ މަތީ ކޯޓަކީ މުޅި ރާއްޖޭގެ އިތުރުން ބައިނަލްއަޤުވާމީ ގޮތުން ވެސް އެންމެ ބޮޑަށް ބަލައިގެންފައި އޮތް ކޯޓެއް ކަމަށެވެ.
"ފަހަރަކު ބާރެއް އަތަށް ނަގަމުން ގޮސް ވެރިކަމުގެ ބާރުތަކަށް އަތް ބާނައިފި. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޭނުންކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ކަނޑުވާލައިފި. މިހާރު އެތިބީ އަޅުން. އެއީ މުއިއްޒުގެ އަޅުން،" އީސަ ވިދާޅުވި އެވެ. "މެމްބަރުން ލައްވާ އެ އުޅެނީ މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލަން. މިހާރަކު ނެތް މެމްބަރުން އައްޔަން ކުރި ގޮތުގެ އަސްލެއް އެތާކު."
އޭނަ ވިދާޅުވީ ރައްޔިތުން އިންތިހާބުކުރި މެމްބަރުންގެ ބާރުތައް ކަނޑުވާލުމުން ރައްޔިތުން އަނގައިން ނުބުނުމުގެ ނަތީޖާ އަކީ ރައީސް ބޭނުންފުޅުވާ ގޮތަށް މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލުން ކަމަށެވެ. އަދި ރައީސް މުއިއްޒު ބޭނުންވެވަޑައިގަންވާ ހުރިހާ ގޮތަކަށް ކަންކަން ދޫކޮށްލައިގެން ރައްޔިތުން ތިބެއްޖެ ނަމަ އޭގެ ނަތީޖާ ވަރަށް ގޯސް ވާނެ ކަމަށް ވެސް އީސަ ވިދާޅުވި އެވެ.