Last Updated: May 10, 06:28
Saturday, May 10, 2025
ދުނިޔެ

ގާޒާ އަށް އެހީވަނުން އިޒްރޭލުން ހުއްޓުވައިފި

ހަމަލާތައް މެދުކަނޑާލަންވި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ ގާޒާ އަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދޭން ކުރެވެމުން އައި މަސައްކަތްްތައް އިޒްރޭލުން ހުއްޓުވައިފި އެވެ.

އަނިޔާވެރި ޔައުދީ ދައުލަތުން މިހާރު ވަނީ ގާޒާ އަށް އެހީ ފޯރުކޮށް ދޭން ވަންނަން ހުރި ހުރިހާ ދޮރުތަކެއް ބަންދުކޮށްފަ އެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފައި ވަނީ ހަމަލާތައް މެދުކަނޑާލަން އެމެރިކާ މެދުވެރިވެގެން ހަމާސްއާ އެކު ވި އެއްބަސްވުމުގެ މުއްދަތު އިތުރު ކުރަން އެ ޖަމާއަތުން ދެކޮޅު ހަދާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން ހަމާސްގެ ތަރުޖަމާނު ވިދާޅުވީ އިޒްރޭލުގެ އަމަލުތައް މިހާރު ހުރީ އެއްބަސްވުމާ ހިލާފަށް ކަމަށާއި އަދި ގާޒާ އަށް އެހީ ފޯރުކޮށް ދިނުން ހުއްޓުމަކަށް ގެނެސްފައިވާތީ، މެދުވެރިން މިކަމަށް ހައްލެއް ހޯދައި ދޭން މަސައްކަތްކޮށް ދޭން އެދޭ ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި އިޒްރޭލުގެ މި އަމަލަކީ ބިރުދެއްކުމުގެ ހުތުރު އަމަލެކެވެ.

ހަމާސް އިން ބުނީ ހަމަލާތައް މެދުކަނޑާލަންވެފައި އޮތް އެއްބަސްވުމާ މި ހާލަތުގައި އިޒްރޭލުން ހިލާފު ނުވެވޭނެ ކަމަށާއި އެއްބަސްވި ގޮތަށް ގާޒާ އަށް ހަމަނޭވާ ލެވެން ޖެހޭނެ ކަމަށެވެ.

ގާޒާ އަށް ދެމުން އައި ހަމަލާތައް އިޒްރޭލުން މެދުކަނޑާލީ ޖެނުއަރީ މަހުގެ 19 ގަ އެވެ. އަދި އެއްބަސްވުމުގެ މުއްދަތު އިއްޔެ ހަމަވެފައިވާ ކަމަށް އިޒްރޭލުން ބުނެ އެވެ. ހަމަލާތައް މެދުކަނޑާލައި އިޒްރޭލާއި ފަލަސްތީނާ ދެމެދު އަސީރުންތަކެއް ބަދަލުކޮށްފައިވެ އެވެ.