އިނގިރޭސި އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ޔުނައިޓެޑް ފުލަމް އަތުން ޕެނަލްޓީ ޖަހައިގެން 4-3 ބަލިވެ، މުބާރާތުން ކަޓައިފި އެވެ.
މި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު، ދެ ޓީމުވެސް އޮތީ 1-1 އިން އެއްވަރުވެފަ އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށް ފުލަމްގެ ޑިފެންޑަރު ކަލްވިން ބާސީ ވަނީ އެޓީމަށް ލީޑު ނަގައިދީފަ އެވެ. ދެ ވަނަ ހާފުގައި ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ބްރޫނޯ ފެނާންޑޭސް އެވެ. މި މެޗުން ޔުނައިޓެޑް މޮޅުކޮށްދޭން އަލެހަންދްރޯ ގާނާޗޯ އާއި ޒުވާން ފޯވާޑް ޗިޑޯ އޮބީ އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ.
ޕެނަލްޓީގައި، ފުލަމް އިން ވަނީ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ، ރައުލް ހިމެނޭޒް، ސަންޑަ ބާގާ، ވިލިއަން އަދި އެންޓޮނީ ރޮބިންސަން އެވެ. ޔުނައިޓެޑްގެ ފުރަތަމަ ތިން ޕެނަލްޓީ ފެނާންޑޭސް، ކަސެމީރޯ އަދި ޑިއޯގޯ ޑަލޯ ކާމިޔާބުކުރި ނަމަވެސް، ލިންޑޮލޮފް އާއި ޒާކްޒީ ފޮނުވާލި ޕެނަލްޓީތައް މަތަކުރީ ފުލަމްގެ ކީޕަރު ބާޑް ލެނޯ އެވެ.
މުބާރާތުގެ ކުއާޓާފައިނަލްގައި ފުލަމް ބައްދަލުކުރާނީ ކްރިސްޓަލް ޕެލެސްއާ އެވެ. ނިއުކާސަލް ކަޓުވާލުމަށްފަހު ކުއާޓާ އިން ޖާގަ ހޯދި ބްރައިޓަން އިން ކުޅޭނީ ނޮޓިންހަމް ފޮރެސްޓާއި އިޕްސްވިޗު ޓައުން ކުޅެގެން މޮޅުވާ ޓީމަކާ އެވެ. މެންޗެސްޓާ ސިޓީން ކުއާޓާ ފައިނަލުގައި ބައްދަލުކުރާނީ ބޯންމައުތާ އެވެ. އަދި އެސްޓަން ވިލާ އިން ބައްދަލުކުރާނީ ޕްރެސްޓަންއާ އެވެ.