Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ތިން މަސް ދުވަހަށްފަހު ޝަންގްރިއްލާއިން ހައްޔަރު ކުރި މުވައްޒަފުން ދޫކޮށްލައިފި

ޝަންގްރިއްލާގައި ހުންނަ ސިފާނީ ޖުވެލަރީޒްގެ ފިހާރަ ފަޅާލައި ވައްކަން ކުރި މައްސަލާގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކުރި ޝަންގްރިއްލާގެ ފަސް މުވައްޒަފުން ތިން މަސް ފަހުން އިއްޔެ ދޫކޮށްލައިފިއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރު ކުރި ފަސް މީހުންގެ ތެރެއިން އެންމެ ފަހުން ދޫކުރި މީހުން ދޫކޮށްފައިވަނީ އިއްޔެއެވެ.

މި މައްސަލާގައި ހައްޔަރު ކުރި މީހަކު "އައްޑޫލައިވް"އަށް މައުލޫމާތު ދެމުން ބުނީ އެންމެންވެސް ކޯޓުން ދޫކޮށްލީ އެކަށީގެންވާ ހެކި ނުދެއްކުމުން ކަމަށެވެ.

"ކޮންމެ ފަހަރަކު ކޯޓަށް ގޮސް ފުލުހުން ބުނާނެ، ހައްޔަރުގައި ހުރި މީހަކު ފިލައިފިޔޭ، ނޫނީ އިތުރު ބަޔަކު މިކަމާއި ހައްޔަރު ކުރުމަށް މަސައްކަތް ކުރަމުންދާތީ މި މީހުން ދޫކޮށްލައިފި ނަމަ ހެއްކަށް ނުފޫޒު ފޯރަފާނެޔޭ. އެހެން ކިޔައިގެން 3 މަސް މި ދުއްވާލީ"

އޭނާ ބުނީ މާލެ ގެންދިއުމަށްފަހު އިތުރު ސުވާލު ކުރުމެއް ނެތި ކޮންމެ ފަހަރަކު ކޯޓަށް ގެންގޮސް މުއްދަތު ޖެހުމަށްފަހު އަލުން ގެނެސް ބަންދުގައި ބަހައްޓަނީ ކަމަށެވެ.

ޝަންގްރިއްލާގެ މުވައްޒަފުން ތަކެއް ހައްޔަރުކޮށް، ތަހްގީގަށް 3 މަސް ދުވަހަށް ބަންދު ކުރި އިރު، މި ހާދިސާގައި ބިދޭސީ އެއްވެސް ފަރާތަކާއި، ސުވާލުކޮށް ތަހްގީގުކޮށްފައި ނުވާކަމަށް އެތަނުގެ މުވައްޒަފުން ބުނެއެވެ.

އަދި މިކަމުގައި ދިވެހިންނާއި ބޭރު މުވައްޒަފުން ތަފާތު ކުރާކަމަށް ބުނެ މުވައްޒަފުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

މިހާދިސާގައި ހައްޔަރު ކުރި 5 މުވައްޒަފުން ވަނީ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ.