ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިގެން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި 241 ކޮމެޓީން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު ވަކިކޮށްފި އެވެ.
އަޒާން މަޖްލިސްގެ އެންމެ މުހިއްމު ދެ ކޮމެޓީން ވަކިކޮށްފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ސަރުކާރުން ހުށަހެޅި ބިލަށް ވޯޓު އަޒާން ދެކޮޅު ހެދުމާއި ގުޅިގެން ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން ތިއްބަވާ ވަޓްސް އަޕް ގްރޫޕުން ބޭރުކޮށްފައި ވަނިކޮށެވެ.
އެ ދެ ކޮމިޓީން އަޒާން ވަކި ކުރުމަށްފަހު ޕީއެންސީގެ ފަރާތުން އަޒާން ހަމަޖައްސާފައި ވަނީ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށައި ޕެޓިޝަން ކޮމިޓީއަށެވެ.
އަޒާންގެ ބަދަލުގައި މާލިއްޔަތު ކޮމިޓީއަށް ހަމަޖައްސާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އައިފާން އެވެ. 241 ކޮމިޓީއަށް ޕީއެންސީން ހަމަޖެއްސީ ވިލިމާލެ ދާއިރާގެ މެންބަރު، މުހައްމަދު އިސްމާއިލް އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރަން މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދު ނުކުރަން އަޒާން ނިންމެވީ އެ ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލަކަށް ވާތީ އެފަދަ ބިލަކަށް ތާއީދު ކުރުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމުގައި ދެކޭތީ އެވެ.
އަޒާން ވިދާޅުވީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތް ނަމަ ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކަން ބަލައި އެފަދަ މައްސަލައެއް ސާބިތުވާ ނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކި ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ އުސޫލުގެ ބޭރުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީ އަށް އޮއްވައި ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި ދެ ފަނޑިޔާރަކު މަދު ކުރަން މަޖިލީހުން ނިންމުމަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަޒާން ވިދާޅުވި އެވެ.
އެ ބިލަށް ތާއީދު ނުކުރި ނަމަވެސް އައްޑޫ ރައްޔިތުންނަށް ކޮށްދޭން ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭ ނަމަ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުމުގައި ދެމި ހުންނަވާނެ ކަމަށް އަޒާން ވިދާޅުވި އެވެ.