Last Updated: May 9, 05:45
Friday, May 9, 2025
ޚަބަރު

ލޯންޗް ހާދިސާގައި ފުލުހުން ދެއްކީ ފުރިހަމަ ނަމޫނާއެއް

ސާޅީސް އަށް މީހުންނާ އެކު ދަތުރު ކުރަނިކޮށް އިއްޔެ ދިޔަވި ލޯންޗްގައި ތިބި މީހުން އޮޔާ ދަނިކޮށް ސަލާމަތް ކުރަން ފުލުހުން ކުރީ ނަފްސަށް ވުރެ ދިވެހި ގައުމު އިސްކުރުމުގެ ފުރިހަމަ ނަމޫނާއެއް ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި އޭނަ މިއަދު ވިދާޅުވީ 48 މީހުންނާ އެކު "ހުވަން" ލޯންޗު އަޑިއަ ށްދިޔަ ހާދިސާގައި ގަދަ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި މީހުން ސަލާމަތް ކުރުމުގައި އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ދިވެހި ފުލުން ދެއްކެވި ހިތްވަރާއި ކެރުމާއި ސާބިތުކަމަކީ ފުލުހުންގެ މުއައްސަސާ އަށް ޒިންމާވާ ވަޒީރުގެ ހައިސިއްޔަތުން ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.

"އެ އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނަށް އަދި މުޅި ފުލުހުންގެ މުއައްސަސާއަށް ހިފެހެއްޓުމެއް ނެތް ޝުކުރާއި ތަޢުރީފު އަދާކުރާ ކަމެއް." އިހުސާން ވިދާޅުވެއްޖެ އެވެ.

ފުލުހުން އިއްޔެ ދެއްކި ހިތްވަރަށް ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ތައުރީފު ކުރައްވައި ޝުކުރު އަދާކުރައްވާފައިވެ އެެވެ. އޭނަ ވިދާޅުވީ ހާއްސަކޮށް ރަމަޟާން މަހުގެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި އެ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި އޮފިސަރުން ދެއްކި ނަމޫނާއަށް ޝުކުރު އަދާކޮށް އެ މަސައްކަތާމެދު ފަހުރުވެރިވާ ކަމަށެވެ.

ހއ. ދިގުރަށަށުން މާލެއަށް ދަތުރުކުރަމުން ދަނިކޮށް "ހުވަން" ލޯންޗް" ދިޔަވެ އަޑިއަށް ދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް އިއްޔެ ލިބުނީ ހެނދުނު 07:57 ގަ އެވެ.