Last Updated: May 3, 22:15
Saturday, May 3, 2025
ޚަބަރު

ކޮމިޓީން ވަކިކުރީ "ބާރުގަދަ ބައެއްގެ" ޚިޔާނާތްތައް ބަލާތީ

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ހިތަދޫ މެދު ދާއިރާގެ މެންބަރު، އަހުމަދު އަޒާން ވަކިކުރީ "ބާރުގަދަ ބައެއްގެ" ހިޔާނާތުގެ މައްސަލަތަކެއް ބަލަން އުޅޭތީ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

އަޒާން ވަނީ މަޖްލިސްގެ މާލިޔައްތު ކޮމެޓީ އާއި 241 ކޮމެޓީން މިއަދު ވަކިކޮށްފައެވެެ.

އެކަމާއި ގުޅިގެން އަޒާން ވިދާޅުވީ ސަރުކާރު ހުރިހާ ކުންފުންޏެއްގެ ޕްރޮކިއުމަންޓް ދިރާސާކުރުމުގެ މަސައްކަތްތައް މާލިއްޔަތު ކޮމެޓީން ކުރިއަށް ގެންދާ އިރު ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަތައް ނުބެލުމަށް ޕްރެޝަރު ކުރަމުން އަންނަ ކަމަށް އަޒާން ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖްލިސްގެ ބައެއް މެމްބަރުން ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ވަނީ ފެނިފައެވެ. އަދި އެކަން ބަލައި ކުރަން ޖެހޭ މަސައްކަތް ކޮމެޓީން ވަކިކުރިއަސް ކުރައްވާނެ ކަމަށް އަޒާން ވިދާޅުވިއެވެ.

"މި ކަންކަން ބެލީމާ އެކި ދިމާއިން ޕްރެޝަރު އާދޭ ނުބަލަން،" އަޒާން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކޮމިޓީއަށް ގެނައި ބަދަލުތަކަކީ ވެސް އެ ކަހަލަ ބައެއްގެ ޕްރެޝަރަށް އެޅި ފިޔަވަޅެއް ކަމުގައި ބެލެވޭ ކަމަށެވެ.

"އެކަމަކު، މި ކަންކަން ބެލުމުގައި ފަހަތަކަށް ނުޖެހޭނަން،" އޭނާ ވިދާޅުވިއެވެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރަން މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދު ނުކުރަން އަޒާން ނިންމެވީ އެ ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލަކަށް ވާތީ އެފަދަ ބިލަކަށް ތާއީދު ކުރުމަކީ ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމުގައި ދެކޭތީ އެވެ.

އަޒާން ވިދާޅުވީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އޮތް ނަމަ ޖުޑީޝަލް ސާވިސް ކޮމިޝަނުން އެކަން ބަލައި އެފަދަ މައްސަލައެއް ސާބިތުވާ ނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކި ކުރެވިދާނެ ކަމަށެވެ. ނަމަވެސް އެ އުސޫލުގެ ބޭރުން މަޖިލީހުގެ ސުޕަ މެޖޯރިޓީ ޕީއެންސީ އަށް އޮއްވައި ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި ދެ ފަނޑިޔާރަކު މަދު ކުރަން މަޖިލީހުން ނިންމުމަކީ ގާނޫނީ ގޮތުން ދެކޮޅު ޖެހޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް އަޒާން ވިދާޅުވި އެވެ.

އެ ބިލަށް ތާއީދު ނުކުރި ނަމަވެސް އައްޑޫ ރައްޔިތުންނަށް ކޮށްދޭން ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދޭ ނަމަ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތައް ޖަވާބުދާރީ ކުރުމުގައި ދެމި ހުންނަވާނެ ކަމަށް އަޒާން ވިދާޅުވި އެވެ.