ބަރަހަނާ ހާލުގައި ސައިކަލް ދުއްވި ޒުވާނަކު ސްރީ ލަންކާ އިން ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ބުނީ "ހެއްދެވި ގޮތަށް" އިނދެ ސައިކަލް ދުއްވީ 24 އަހަރުގެ ޒުވާނެއް ކަމަށާއި އެ މައްސަލައިގައި އޭނަ ހައްޔަރުކޮށް މިހާރު ރިމާންޑް ޖަލެއްގައި ބަންދުކޮށްފައިވާ ކަމަށެވެ.
މީޑިއާތަކުން ބުނީ ޒުވާނާ ރޯ އޮރިޔާމާ އިނދެ ސައިކަލް ދުއްވީ ކޮލޮމްބޯ އާއި ކެންޑީއަށް ދާން ކަމަށެވެ. އެ މަންޒަރު ފެންނަ ވީޑިއޯ ވެސް ސޯޝަލް މީޑިއާގައި ދައުރުވެ، ފުލުހުންގެ ސަމާލު ކަމަށް އެކަން އައިސް، ޒުވާނާ އަތުލައިގަތުމަށް ކުރި މަސައްކަތުން އޭނަ އިއްޔެ އަތުލައިގަތީ ކެގަލީ އަވަށުން ކަމަށެވެ.
މި މައްސަލަ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.