ކިލޯއެއްހާ ކެނެބިސް އެތެރެކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ، 12 އަހަރާއި ހަމަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުުމްކޮށްފި އެވެ.
އެ ހުކުމް އިއްވާފައި ވަނީ މ. ތިރިންގަލި، އަހުމަދު ވިސާމްގެ މައްޗަށެވެ. ޖަލު ހުކުމްގެ އިތުރުން އޭނަ 50،000ރ. އިން ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.
ކެނަބިސް އެތެރެކުރި މައްސަލައިގައި ވިސާމް ހައްޔަރުކުރީ 2023 ގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެގޮތުން ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި ރުދާސް ފޮށްޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި އެ ފޮށީގައި ހުރި ދެ ފުޅިއަކުން ޖުމްލަ 962.7 ގްރާމުގެ ކެނެބިސް ފެނިފައިވެ އެވެ.
ވިސާމަށް އިއްވި ހުކުމުގައި، މައްސަލައިގެ ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާގައި އޭނަ ހޭދަކުރި އެއް އަހަރާއި ހަތް މަސް ދުވަސް ހުކުމުގެ މުއްދަތުން އުނިކުރުމުން ދެން ޖަލުގައި ތަންފީޒު ކުރަން ޖެހެނީޯ 10 އަހަރާއި 11 މަސް ދުވަހެވެ.
އޭނަގެ ޖޫރިމަނާ އެއް އަހަރު ދުވަހުގެ ތެރޭގައި ދައުލަތަށް ދައްކަން ޖެހެ އެވެ.