Last Updated: July 15, 18:06
Wednesday, July 15, 2026
މުނިފޫހިފިލުވުން

'ސިކަންދަރު' ގެ ފުރަތަމަ ލަވަ ދައްކާލައިފި

ފިތުރު އީދުގައި ގެނެސްދޭން ހަމަޖެހިފައިވާ ސަލްމާން ޚާންގެ ފިލްމު "ސިކަންދަރު" ގެ ފުރަތަމަ ލަވަ މިއަދު ދައްކާލައިފި އެވެ.

ސަލްމާނާ އެކު ޒުވާން ބަތަލާ ރަޝްމިކާ މަންދަނާގެ ނެށުންތަކެއް، ގިނަ އަދަދެއްގެ ބެކް ޑާންސަރުންނާ އެކު ފެންނަ ލަވައިގެ ނަމަކީ "ޒޮހަރަ ޖަބީން" އެވެ. ޕްރިތަމްގެ މިއުޒިކަށް މި ލަވަ ކިޔާފައި ވަނީ ނަކްޝް އަޒީޒާއި ދޭވް ނޭގީ އެވެ. އަދި ލަވައައިގައި ހިމެނޭ ރެޕް ބައިތައް ކިޔާފައި ވަނީ މެލޯ ޑީ އެވެ.

މި އަހަރުގެ އެންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ސިކަންދަރު" އަކީ ސަލްމާން ޑަބަލް ރޯލެއް ކުޅެފައިވާ އެކްޝަން ޑްރާމާއެކެވެ.

ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، އޭއާރް މުރްގަދޯސް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ކާސްޓްގައި ޝަރުމަން ޖޯޝީ، ކާޖަލް އަގަރްވާލް، ޕްރަތީކް ބައްބަރް އަދި ސަތިއަރާޖް ހިމެނެ އެވެ.