ރާއްޖޭގެ ކުރިއެރުމަށް ހިއްސާވާ އެކިއެކި ޖަމިއްޔާތަކަށް އޮފީސް ޖާގަ ތަނަވަސްކޮށް ދިނުމުގެ ގޮތުން އޮފީސް ކޮމްޕްލެކްސްއެއް ހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެކަމަކުގެ ޔަގީންކަން ރައިސް ދެއްވީ އިސްރަށްވެހިންގެ ޖަމިއްޔާއާ މިއަދު ރައީސް އޮފީހުގައި އޮތް ބައްދަލުވުމުގަ އެވެ.
އެ ބައްދަވުމުގައި ރައީސް ޖަމިއްޔާތަކަށް ހާއްސަ އޮފީސް އިމާރާތެއް ހެދުމަކީ އެ މަނިކުފާނުހެ މެނިފެސްޓޯގައި ވެސް ހިމަނުއްވާފައިވާ ކަމެއް ކަމަށެވެ. އެހެންވެ ސަރުކާރުގެ ކަންކަން ތަރުތީބުވެގެން އަންނަ އުސޫލުގެ ތެރެއިން ބަޖެޓުވެގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ބައްދަލުވުމުގައި އިސްރަށްވެހިންގެ ޖަމިއްޔާގެ ފަރާތުން، އެ ޖަމިއްޔާ ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާއި ޖަމިއްޔާގެ މެންބަރުންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކޮށްފައިވެ އެވެ.އަދި އިސްރަށްވެހިންގެ ނާދީ އަލުން ހުޅުއްވައި ދެއްވިކަމަށްޓަކައި ރައީސަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.