Last Updated: April 30, 20:17
Wednesday, April 30, 2025
ކުޅިވަރު

ރެއާލުން އެތުލެޓިކޯ ބަލިކޮށްފި، އާސެނަލް ކުއާޓާއާ ގާތަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ރެއާލް މެޑްރިޑުން 2-1 އިން އެތުލެޓިކޯ މެޑްރިޑް ބަލިކުރިއިރު، އާސެނަލުން ނެދަލޭންޑްސްގެ ޕީއެސްވީ އަތުން 7-1 އިން މޮޅުވެ، ކުއާޓާ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފި އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު މެޗުގެ ހަތަރު ވަނަ މިނެޓްގައި ރެއާލުން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. އެތުލެޓިކޯގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު މި ގޯލު ރެއާލަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯ އެވެ.

ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެތުލެޓިކޯ އިން ވަނީ ގޯލު ޖަހައި ނަތީޖާ އެއްވަރުކޮށްފަ އެވެ. މިއީ ރެއާލްގެ އޭރިއާ އަރިމަތިން ކަމަވިންގާ ކައިރިން ނައްޓާފައި އޭރިއާތެރެއަށް ވަދެ، ޖޫލިއަން އަލްވަރޭޒް ފޮނުވާލި ބާރު ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.

މި މެޗުން މޮޅުކޮށްދިން ގޯލު ރެއާލަށް މެޗުގެ 55 ވަނަ މިނިޓްގައި ޖަހައިދިނީ ބްރަހިމް ޑިއާޒް އެވެ. މިއީ، އެތުލެޓިކޯގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުން ޑިއާޒް ކާމިޔާބު ކޮށްދިން ގޯލެކެވެ.

ޕީއެސްވީގެ ދަނޑުގައި ކުޅުނު މި މެޗުގެ އަށް ވަނަ މިނިޓްގައި އާސެނަލަށް ލީޑު ނަގައިދިނީ ޔޫރިއަން ޓިމްބާ ޖެހި ގޯލުންނެވެ. އަދި އޭގެ ތިން މިނިޓް ފަހުން އާސެނަލްގެ ލީޑު ފުޅާކޮށްދިނީ އީތަން ންވަނޭރީ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އާސެނަލަށް ތިން ވަނަ ގޯލު ޖަހައިދިނީ މިކޭލް މެރިނޯ އެވެ.

އެކަމަކު، ލިބުނު ޕެނަލްޓީ އަކުން މެޗުގެ 43 ވަނަ މިނިޓްގައި ނޯ ލަންގް ވަނީ ޕީއެސްވީ އަށް ގޯލު ޖަހައިދީ ފަރަގު ކުޑަކޮށްފަ އެވެ. ދެ ވަނަ ހާފުގައި އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑް ދެ ގޯލު ޖެހިއިރު, ލެއަންޑްރޯ ޓްރޮސާޑް އަދި ރިކާޑޯ ކަލަފިއޯރީ ވަނީ ގޯލެއް ކާމިޔާބުކޮށްފަ އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ބޮރޫޝިއާ ޑޯޓްމަންޑުން 1-1 އިން ލިލްއާ އެއްވަރުވިއިރު، ކްލަބް ބްރޫޖް ދަނޑުގައި އެސްޓަން ވިލާ ވަނީ 3-1 އިން މޮޅުވެފަ އެވެ.