Last Updated: May 9, 22:28
Saturday, May 10, 2025
ދުނިޔެ

ގާޒާ ބިނާކުރަން އަރަބި ލީޑަރުންގެ ޕްލޭނެއް

ގާޒާގެ ރައްޔިތުން އެތަނުން ބޭރުކޮށް، އެތަން މަތީ ފެންވަރުގައި ބިނާކުރުމުގެ ޕްލޭނެއްގެ ވާހަކަ އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކާފައި ވަނިކޮށް، އެކަމާ ދެކޮޅަށް އަރަބި ލީޑަރުން ޕްލޭނަކަށް ތައްޔާރަށް އޮތްކަން އިއުލާންކޮށްފި އެވެ.

މިސްރުގެ ވެރިރަށް ގާހިރާގައި އިއްޔެ ބޭއްވި އަރަބި ލީޑަރުންގެ ކުއްލި ސަމިޓެއްގައި ވަނީ ގާޒާ ބިނާކުރަން 53 ބިލިއަން ޑޮލަރުގެ ޕްލޭނަކަށް މަސައްކަތް ކުރަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. އެހެންވެ މި ޕްލޭން ވާނީ ގާޒާގެ މުސްތަގުބަލު ބައްޓަކޮށް ދޭނެ އަދި އެހެން ބައެއްގެ އަތްމައްޗަށް ގާޒާ ނުދާނެކަން ކަށަވަރުކޮށް ދޭނެ ޕްލޭނަކަށް ކަމަށް އަރަބި ލީގުން ބުންޏެވެ.

މި ޕްލޭނަކީ މިސްރު އިސްވެ ހުށަހެޅި ޕްލޭނެކެވެ. އެ ޕްލޭންގެ 91 ސޮފުހާގެ ޑޮކިއުމަންޓުން ތައްޔާރުކޮށް، ޕްލޭނާ ގުޅޭ މައިގަނޑު ކަންތައްތައް ހިމަނާފައިވެ އެވެ. އެގޮތުން ފަލަސްތީނަށް ވެސް ވަކި ދައުލަތެއް ގާއިމުކުރުމުގެ ހައްގާ އެކު، ސިޔާސީ ގޮތުން ބާރުވެރި، ހަމަޖެހޭ އަދި އަމާންކަމާއި ސުލްހަމަލަސްކަން ގާއިމުވެފައި އޮތް ތަނަކަށް ގާޒާވެގެން ދާނެ އެވެ.

މިކަމާ ގުޅިގެން އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އަބުލް ގީތު ވިދާޅުވީ "މިސްރުގެ ގާޒާ ޕްލޭން ވާނީ އަރަބި ދުނިޔޭގެ ޕްލޭނަކަށް" ކަމަށެވެ.

ޕްލޭނާ ގުޅޭ ގޮތުން މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލް-ސީސީ ވިދާޅުވީ މިއީ އުންމީދީ ޕްލޭނެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. ޕްލޭން އެކުލަވާލާފައި ވަނީ ތިން ފޭހެއްގެ ދަށުން ގާޒާ ބިނާކޮށް އާރާސްކުރުމަށެވެ. އެގޮތުން ޕްލޭންގެ ފުރަތަމަ ފިޔަވަހީގެ ފުރަތަމަ ހަ މަސް ދުވަސް ހާއްސަކޮށްފައި ވަނީ މިހާރު ސުންނާފަތިކޮށްފައި އޮތް ގާޒާ ސާފުކުރުމެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން ޔަހޫދީ އިޒްރޭލުން ދެމުން އައި ވަރުގަދަ ހަމަލާތަކުގެ ސަބަބުން ގާޒާ އެއްކޮށްހެން އޮތީ ފުނޑުފުނޑުވެފަ އެވެ. ގިނަ އިމާރާތްތައް ބިމާ ހަމަވެފައިވާ އިރު، އަސާސީ ވަރަށް ގިނަ ހިދުމަތްތަކަށް ވެސް އޮތީ ބުރޫ އަރައިފަ އެވެ.

ގާޒާ އަށް ދެމުން އައި ހަމަލާތައް އިޒްރޭލުން މިހާރު ވަގުތީ މެދުކަނޑާލާފައި އޮތީ މިދިޔަ ޖެނުއަރީ މަހުގެ 19 އިން ފެށިގެންނެވެ. ނަމަވެސް ޔަހޫދީން ދަނީ އެކި ބަހަނާތައް ތަކުރާރުކޮށް ދައްކައި އަލުން ހަމަލާތައް ފަށަން ޖެހިދާނެކަމުގެ އިންޒާރު ވެސް ދެމުންނެވެ.