ޗައިނާ އަބަދު ވެސް އޮންނާނީ އެމެރިކާއާ ކޮންމެ ފަދަ ހަނގުރާމައެއްގައި ވެސް ކުރިމަތިލާން ތައްޔާރަށް ކަމަށް އެ ގައުމުން ބުނެފި އެވެ.
އެމެރިކާގެ ރަައީސްކަމާ ޑޮނަލްޑް ޓްރަމްޕް ޖެނުއަރީ މަހުގެ ތެރޭގައި ވެރިކަމާ ހަވާލުވެވަޑައިގަތުމާ އެކު ވަނީ ޗައިނާ އިން އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކޮށްފަ އެވެ. އެއާ ވިއްދައިގެން ޗައިނާ އިން ވަނީ އެ ގައުމަށް އެތެރެކުރާ އެމެރިކާގެ މުދަލުން ނަގާ ޓެރިފް ވެސް 10-15 ޕަސެންޓަށް ބޮޑުކޮށްފަ އެވެ.
އެމެރިކާ އިން އަބަދު ވެސް ބޮޑު ވާދަވެރިއެއްގެ ގޮތުގައި ބަލާ އަދި އަބަދު ވެސް އެތައް ގޮތަކުން ފިއްތުތައް ކުރިމަތިކުރާ ޗައިނާ އަކީ އެމެރިކާގެ ފަހަތުން ދުނިޔޭގެ ދެވަނަ އަށް އެންމެ ވަރުގަދަ އިގުތިސާދެވެ. އަދި އެ ގައުމަކީ އެތައް ގޮތަކުން ބޮޑެތި ކުރިއެތުންތަކެއް ހޯދަމުން އަންނަ، ބާރަށް ދުވެލީގައި ކުރިއަރަމުން އަންނަ ގައުމެކެވެ.
ސޯޝަލް މީޑިއާ ޕޯސްޓެއްގައި ޗައިނާ ސަރުކާރުން ބުނީ އެމެރިކާ އިން ކުރިމަތި ކުރާ އެއްވެސް ކަމަކާ ކަންބޮޑު ނުވާ ކަމަށެވެ. އެހެންވެ އެ ގައުމުން ކުރިމަތިކުރާ ކޮންމެ ކަމަކާ ކުރިމަތިލާން ވަރަށް ސާބިތކަމާ އެކު ޗައިނާ އަބަދު ވެސް ތައްޔާރަށް އޮންނާނެ ކަމަށް ބުންޏެވެ.
ޕޯސްޓްގައި ބުނީ އެމެރިކާ އިން ކުރިމަތިކުރާ "ޓެރިފް ނުވަތަ ވިޔަފާރީގެ ހަނގުރާމައަކަށް ވިޔަސް އަދި އެ ނޫން ކޮންމެ ފަދަ ހަނގުރާމައަކަށް ވިޔަސް ޗައިނާ އޮންނާނީ ކުރިމަތިލާން ފަސް ނުޖެހި ސާބިތުކަމާ އެކީގައި" ކަމަށެވެ. އަދި އެމެރިކާ ދައްކާ ބިރަކަށް ޗައިނާ ފަސްނުޖެހޭނެ ކަމަށް ވެސް ބުންޏެވެ.
ޗައިނާގެ ބޮޑުވަޒީރު ލީ ކިއަންގް އިއްޔެ ވިދާޅުވި ގޮތުގައި އެ ގައުމުން ދިފާއީ ކަންކަމަށް މި އަހަރު ކުރާ ހޭދަ 7.2 ޕަސެންޓް އިތުރު ވެސް ކުރާނެ އެވެ. އަދި ޗައިނާ އަބަދު ވެސް އޮންނަނީ އެ ވަގުތަކު ކުރިމަތިވާ ހާލަތަކަށް ތައްޔާރުގައި ކަމަށް ވިދާޅުވި އެވެ.