Last Updated: May 9, 22:28
Saturday, May 10, 2025
ދުނިޔެ

ޑެންމާކުން ސިޓީ ޑެލިވަރީ ހުއްޓާލަނީ

ޕޯސްޓުން ފޮނުވާ ސިޓީތަކުގެ އަދަދު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން ސިޓީ ޑެލިވަރީކޮށް ދިނުމުގެ އެ ގައުމުގައި ހުއްޓައިލަން ނިންމައިފި އެވެ.

މީގެ 400 އަހަރު ކުރިން ފެށިގެން ޑެންމާކްގައި ޕޯސްޓްގެ ހިދުމަތް ދެނީ، ސަރުކާރުގެ ކުންފުނި ޕޯސްޓްނޯޑްއިންނެވެ.

ޓެކްނޮލޮޖީއާ އެކު މުވާސަލާތު ކުރުމަށް އައި ކުރިއެރުންތަކާ ގުޅިގެން ޕޯސްޓުން ސިޓީ ފޮނުވުން ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައިވާތީ ޑެންމާކުން ސިޓީ ޑެލިވަރީގެ ހިދުމަތް މި އަހަރު ނިމުމުން ހުއްޓައިލަން ވަނީ ނިންމައިފަ އެވެ. ޕޯސްޓްނޯޑް ބުނި ގޮތުގައި ފާއިތުވި ގަރުނެއްހާ ދުވަހުގެ ތެރޭގައި ސިޓީ ޕޯސްޓްކުރުމުގެ ހިދުމަތް 90 ޕަސެންޓް ދަށްވެފައިވެ އެވެ.

ޑެންމާކްގައި ސިޓީ ޕޯސްޓް ކުރުމުގެ ހިދުމަތް ހުއްޓައިލަން ނިންމި އިރު، އެ ގައުމުގެ އެކި ހިސާބުތަކުގައި 1،500 ޕޯސްޓްފޮށި ބަހައްޓާފައިވެ އެވެެ.

ޑެންމާކްގެ އިތުރުން ޔޫރަޕްގެ އެހެން ވަރަށް ގިނަ އެހެން ގައުމުތަކުގައި ވެސް މިހާރު ސިޓީ ޕޯސްޓްގެ ހިދުމަތް ދަނީ ނެތެމުންނެވެ.