Last Updated: August 21, 05:55
Thursday, August 21, 2025
ޚަބަރު

ކުއްތާ ބޭނުންކޮށްގެން އައްޑޫ ސިޓީގައި އޮޕަރޭޝަނެއް ފަށައިފި

ހިތަދޫގައި ފާރަ އާއި އެކު ފުލުހަކު ހަރަކާތްތެރިވަނީ. ފޮޓޯ: އަޒީމް

މަސްތުވާތަކެއްޗާއި ބަނގުރާ ހޯދައި އެތަކެތީގެ ވިޔަފާރި ކުރުން ހުއްޓުވުމަށް ފުލުހުން ހިންގާ ޚާއްޞަ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީގައި ކުއްތާ (ފާރަ) ބޭނުންކޮށްގެން ހިންގާ އޮޕަރޭޝަނެއް ފުލުހުން ފަށައިފިއެވެ.

ފާރަ ބޭނުންކޮށްގެން ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި ފުލުހުން ވަނީ އައްޑޫ ސިޓީ ހިތަދޫގެ ބައެއް ގެތައް ބަލާ ފާސްކޮށްފައެވެ. އެހެން ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް އެއްވެސް މީހަކު ގެންދިޔަ ކަމެއް ނުވަތަ ނޫންކަމެއް ވަނީ ސާފުވާގޮތް ނުވެފައެވެ.

މީގެ ކުރިން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފާރަ ބޭނުންކޮށްގެން ފުލުހުން އޮޕަރޭޝަންތައް ހިންގާފައިވާއިރު، ބައެއް އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. މިއީ އައްޑޫ ސިޓީގައި ފާރަ ބޭނުންކޮށްގެން ފުުލުހުން ހިންގާ އޮޕަރޭޝަނެވެ.

ފާރަ ބޭނުންކޮށްގެން އައްޑޫ ސިޓީގައި ފުލުހުން ހިންގާ އޮޕަރޭޝަނާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.