ގައިދީއަކަށް ޖަލުގައި އަނިޔާތަކެއްކޮށް މަރާލިކަމުގެ ކުށް ސާބިތުވެ، ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދިޔަ އެ ގައުމުގެ ކުރީގެ ފުލުހުންގެ ވެރިއެއް ކަމަށްވާ ތަޓިސަން އުއްތަންނަޕޯން ޖަލުގައި އިއްޔެ މަރުވެއްޖެ އެވެ.
އޭނަ ހުކުމް ތަންފީޒު ކުރަމުން ދިޔަ ބެންކޮކް ޖަލުގައި މަރުވެފައި އޮއްވައި ފެނުމާ ގުޅިގެން ހެދި އޮޓޮޕްސީ ރިޕޯޓާ ހަވާލާދީ ފުލުހުން ބުނީ ތިޓިސަން މަރުވީ އަމިއްލަ އަށް ކަމަށެވެ.
ނަމަވެސް އެ މަރާ މެދު އާއިލާ އިން ޝައްކުތަކެއް އުފައްދާފައިވާތީ ތައިލޭންޑްގެ ޖަސްޓިސް މިނިސްޓަރު ތަވީ ސޮދްސޮންގް މިއަދު ވަނީ މަރުގެ ހާއްސަ ތަހުގީގެއް ހިންގަން އަންގަވައިފަ އެވެ. އަދި އެ ތަހުގީގަށް ޖަލާ ގުޅޭ އިދާރާތަކުން އެެއްބާރުލުން ދޭން ވެސް މިނިސްޓަރު އެދިވަޑައިގެންފައިވެ އެވެ.
ލަގްޒަރީ ޕޮޝް ލައިފްސްޓައިލެއް ގެންގުޅުނު އަދި "ޖޯ ފެރާރީ" ގެ ނަމުން އާންމުންގެ ތެރޭގައި މަޝްހޫރުވި ތިޓިސިން ޖަލަށްލީ މަސްތުވާތަކެތީގެ މައްސަލައެެއްގައި ހައްޔަރުކުރި 24 އަހަރުގެ ޒުވާނަކަށް ޖަލުގައި އަނިޔާތަކެއްދީ މަރުވި މައްސަލައިގައި ކުށް ސާބިތުވެގެންނެވެ.
އެގޮތުން އެ ޒުވާނާ މަރުވީ ބޮލަށް ޕްލާސްޓިކް ކޮތަޅެއް މަހައި ނޭވާ ހާސްކޮށްލައިގެން ކަމަށް ތަހުގީގަށް ސާބިތުވެފައިވެ އެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް 2021 ގައި އާންމުވެ ތައިލޭންޑް ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް ވެސް އަމާޒުވި އެވެ.
އެ ހާދިސާއާ ގުޅިގެން ތިޓިސިންއާ އެކު އިތުރު ފަސް އޮފިސަރަކު ތިން އަހަރަށް ޖަލަށްލީ 2022 ގަ އެވެ.