އައްޑޫން ކަރަންޓް ކެނޑޭ މައްސަލަ ހައްލު ކުރުމަށް އިތުރު ދެ ޖަނަރޭޓަރެއް މިހާރު ވީ އައްޑު އަށް ފޮނުވުމުގެ މަގުމަތީގައި ކަމަށް ފެނަކަ އިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ އެ ދޭތީގެ ތެރެއިން 1،000 ކިލޯވޮޓްގެ ޖަނަރޭޓަރާ އެކު އުޅަނދެއް ރޭ މާލެ އިން ފުރާފައިވާ ކަމަށާއި މި މަހުގެ 13 ވަނަ ދުވަހު އެ އުޅަނދު އައްޑު އަށް ބަނދަރު ކުރާނެ ކަމަށެވެ. އަދި އިންޑިއާ އިން ގެންނަ 1،800 ކޭވީގެ ޖަނަރޭޓް ވެސް ވަނީ ތާވަލާ އެއްގޮތަށް އިންޑިއާ އިން އައްޑު އަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފެނަކައިން ބުންޏެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތަކަށް ކަރަންޓްދޭ މަރުކަޒީ އިންޖީނުގޭގެ ޖަނަރޭޓަރުތަކަށް މައްސަލަތައް ދިމާވުމާއި ކެޕޭސިޓީއާ އެއްވަރަށް ކަރަންޓް ނުއުފެއްދޭތީ އެކި އަވަށްތަކުން ދަނީ ކަރަންޓް ކަނޑަމުންނެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ވެސް ކުރިމަތިލާން ޖެހިފައިވެ އެވެ.
މި ރޯދަ މަސް ފެށުމުގެ ކުރިން މައްސަލަ ހައްލު ކުރަން ވެސް 1.8 ކޭވީގެ ޖަނަރޭޓަރެއް ގެނެސް ބޭނުން ކުރަން ފެށި އެވެ. އެކަމަކު ހާލަތަކަށް މާ ބޮޑު ބަދަލެއް ނާދެ އެވެ.
އައްޑޫން ކަރަންޓް ކެނޑޭތީ ކައުންސިލަރުންތަކެއް އިސްކޮށް ތިބެގެން މިދިޔަ ހަފުތާގެ ތެރޭގައި މުޒާހަރާ ވެސް ކޮށްފައިވެ އެވެ.