Last Updated: May 9, 22:28
Friday, May 9, 2025
ޚަބަރު

'ދާރުލް އަރުޤަމް' ގެ ޑިޒައިން ދައްކާލައިފި

މާލޭގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ދެވަނަ ވަގްފު އިމާރާތް "ދާރުލް އަރުޤަމް" ގެ ޑިޒައިން ދައްކާލައިފި އެވެ.

ބާރަ ކުރީގެ އެ އިމާރާތް ހުންނާނެ ގޮތް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވައިފަ އެވެ. މިއީ ޒަމާނީ ޑިޒައިނަކަށް ވަރަށް ހިތްގައިމުކޮށް ފެންނާނެ އިމާރާތެކެވެ.

"ދާރުލް އަރުޤަމް" ގެ ޑިޒައިންކުރީ އީޕޮކް އެސޯސިއޭޓްސް އިންނެވެ. އެ ކުންފުންޏާ އެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ހަވާލުކުރީީ މިދިޔަ އަހަރު ނޮވެމްބަރު 17 ގަ އެވެ.

ޝަހީމް އޭރު ވިދާޅުވެފައިވާ ގޮތުގައި މި ވަގްފު އިމާރާތުގެ ކުރެހުން ވީހާ ވެސް އަވަހަކަށް ނިންމައި މި އަހަރުގެ ކުރީކޮޅު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވެ އެވެެ. އަދި މިއީ މިނިސްޓްރީން ކުރިއަށް ގެންދަން ނިންމާފައި އޮތް އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ މި ދައުރުގައި އިސްލާމިކް މިނިސްޓްރީން ވަނީ "ދާރުލް އަރުޤަމް" ގެ އިތުރުން ހުޅުމާލޭގައި "ދާރުއްސަލާމް" ގެ ނަމުގައި ވެސް ވަގްފު އިމާރާތެއް އަޅަން ނިންމައިފަ އެވެ.

ރާއްޖޭގައި މިވަގުތު ހުރީ އެންމެ ވަގްފް އެންމެ އިމާރާތެކެވެ. އެއީ ޝަހީމްގެ މިނިސްޓަރުކަމުުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިލަމުގައި ބިނާކުރި "ދާރުލް އީމާން" އެވެ. ނުވަ ބުރީގެ އެ އިމާރާތް ހުޅުވީ ޖެނުއަރީ 12، 2017 ގަ އެވެ.

މިނިސްޓްރީން ވަނީ މުޅި ރާއްޖެ އަށް ވަގުފް މަޝްރޫއުޔައް ފުޅާ ކުރަން ނިންމައި، އޭގެ ބައެއް މަޝްރޫއުތަކުގައި ސޮއި ވެސް ކޮށްފަ އެވެ.