ބަންގްލަދޭޝްގައި 8 އަންހެން ކުއްޖަކު ރޭޕްކޮށްފި އެވެ.
އެ ކުއްޖާ ބުރާސްފަތި ދުވަހު މަރުވީ ރޭޕް ކުރުމާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިިކޮށެވެ. މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކުއްޖާ ރޭޕްކޮށްފައި ވަނީ އެއްބަނޑު އެއްބަފާގެ ދައްތަގެ ގެއަށް ގޮސް އުޅުމުގެ ތެރޭގައި މި މަހުގެ 5 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.
އެ ހާދިސާއާ ގުޅިގެން ކުއްޖާގެ ދަައްތަ އާއި އޭނަގެ 18 އަހަރުގެ ފިރިމީހާ އާއި، ފިރިހެން މީހާގެ މައިންބަފައިން މިހާރު ތިބީ ހައްޔަރުކޮށްފަ އެވެ.
އެންމެ 8 އަހަރުގެ ކުއްޖަކު ރޭޕްކޮށް، އެކަމާ ގުޅިގެން މަރުވި ޚަބަރާ އެކު، އެ ސަރަހައްދުގެ ގިނަ ބަޔަކު މަގުތަކަށް ނުކުމެ، ކުއްޖާ ރޭޕްކުރި ކަމަށް ބެލެވޭ ގޭގެ ދޮށަށް އެއްވެ، އެ ގޭގައި އަލިފާން ވެސް ރޯކޮށްލާފައިވެ އެވެ.
އަދި މި ހާދިސާއާ މެދު ކަންބޮޑުވުން ފާޅުކޮށް ޑާކާ ޔުނިވަސިޓީގެ އަންހެން ދަރިވަރުންތަކެއް އިސްކޮށް ތިބެގެން އިހުތިޖާޖުކޮށްފައިވެ އެވެ.
ބަންގްލަދޭޝްގެ ލޯ އެންޑް އާބިޓްރޭޝަން ސެންޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި އަށް އަހަރުގެ ތެރޭގައި އެ ގައުމުގައި 3،438 ކުޑަކުދިން ރޭޕްކޮށްފައިވެ އެވެ. އޭގެ ތެރެއިން 539 ކުދިންނަކީ 6 އަހަރުން ދަށުގެ ކުދިންނެވެ. އަދި 933 ކުދިންނަކީ 7-12 އަހަރާ ދެމެދުގެ ކުދިންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ބަންގްލަދޭޝްގައި ރޭޕްގެ ޝިކާރައަށްވާ ގިނަ ކުޑަކުދިން ރޭޕްކޮށްފައި ވަނީ އާއިލީ ގޮތުން ގުޅުން އޮންނަ މީހުންނެވެ.