Last Updated: July 7, 16:47
Monday, July 7, 2025
ދުނިޔެ

އިންޑިއާ އާއި ނިއު ޒީލެންޑް ފްރީ ޓްރޭޑް މަޝްވަރާތަކަށް

އިންޑިއާ އާއި ނިއު ޒީލެންޑުން އަލުން ފްރީ ޓްރޭޑް ނުވަތަ މިނިވަން ވިޔަފާރީގެ މަޝްވަރާތައް އަލުން ބާއްވަން ނިންމައިފި އެވެ.

މިކަން އިއުލާންކޮށްފައި ވަނީ ނިއު ޒީލެންޑްގެ ބޮޑުވަޒީރު ކްރިސްޓޯފާ ލަކްސަން މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ނިއު ދިއްލީގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގަ އެވެ.

އެ ބައްދަލުވުމުގައި ލަކްސަން ވިދާޅުވީ އިންޑިއާ އަކީ އަބަދު ވެސް ނިއު ޒީލެންޑްގެ އިގުތިސާދީ ބައިވެރިއެއް ކަމަށާއި ދެ ގައުމުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކެއް އޮތުން ވަރަށް މުހިއްމު ކަމަށެވެ.

"އިންޑިއާ އަކީ ނިއު ޒީލެންޑްގެ އެކްސްޕޯޓް ދާއިރާ ކުރިއަރުވަން ބަލާ އިރު ވަރަށް މުހިއްމު ރޯލެއް އަދާކުރާނެ ގައުމެއް،" ލަކްސަން ވިދާޅުވި އެވެ. "އެގޮތުން ގައުމުގެ އެކްސްޕޯޓް ކުރިއަރުވަން ކުރިއަށް ދިހަ އަހަރަށް އަމާޒު ހިފާ އިރު އިންޑިއާ އަކީ ނިއު ޒީލެންޑްގެ އެކްސްޕޯޓް ދެގުނަކޮށްލެވިދާނެ ގައުމެއް."

އެހެންވެ ދެ ގައުމުގެ މެދުގައި މިނިވަން ވިޔަފާރީގެ މަޝްވަރާތައް އަންނަ މަހުގެ ތެރޭގައި ފަށަން ވަނީ އެއްބަސްވެފަ އެވެ. މި މަޝްވަރާތައް އަލުން ފަށަން ނިންމީ އިންޑިއާ އާއި ނިއު ޒީލެންޑާ ދެމެދު ކުރިން ބޭއްވި މިނިވަން ވިޔަފާރީގެ މަޝްވަރާތައް މީގެ އަހަރުތަކެއް ކުރިން ކޮޅެއްގައި ނުޖެހި، ހުއްޓިފައި ވަނިކޮށެވެ.

އެ ދެ ގައުމު މެދުގައި މިހާރު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ އަގު 2 ބިލިއަން ޑޮލަރަށް އަރަ އެވެ.