Last Updated: May 9, 05:45
Friday, May 9, 2025
ދުނިޔެ

ހޮންކޮންގުގެ މަހުޖަނު ލީ މަރުވެއްޖެ

ހޮންކޮންގުގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ އަދި ކުރިން އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު ވެސް ލިބުނު ވިޔަފާވެރިޔާ ލީ ޝައު-ކީ މަރުވެއްޖެ އެވެ.

އުމުރުން 97 އަހަރުގައި އޭނަ މަރުވީ އިއްޔެ އެވެ. ނަމަވެސް މަރާ ގުޅޭ އެއްވެސް ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ޗައިނާގެ ގުއަންޑަންގް އަށް އުފަން ލީ އަކީ ހޮންކޮންގުގެ އެންމެ ވަރުގަދަ ރިއަލް އެސްޓޭޓް ކުންފުނި، ކަމަށްވާ ހެންޑަސަން ލޭންޑް ޑިވެލޮޕްމަންޓްގެ ކުރީގެ ޗެއާމަނެވެ. އެ ކުންފުނީގެ ޗެއާމަންގެ މަގާމު އޭނަ 40 އަހަރަށް ވުރެ ގިނަ ދުވަހު އަދާކޮށްފައިވެ އެވެ. އޭޝިއާގެ އެންމެ މުއްސަނދި މީހާގެ މަގާމު ލީ އަށް ލިބުނީ 1996 ގަ އެވެ. އޭރު އޭނަ އަކީ ދުނިޔޭގައި ހަތަރު ވަނަ އަށް އެންމެ މުއްސަނދި މީހާ ވެސް މެ އެވެ.

ލީ މަރުވި އިރު، އަމިއްލަ މިލްކިއްޔާތު 23.2 ބިލިއަން ޑޮލަރަށް އަރަ އެވެ.

ލީ 2019 ގައި ކުންފުނިން ރިޓަޔަކުރި ފަހުން ހެންޑަސަން ލޭންޑް ޑިވެލޮޕްމަންޓް ހިންގުމުގައި އިސްކޮށް ހަރަކާތްތެރި ވަނީ އޭނަގެ ދެ ފިރިހެން ދަރިންނެވެ.

ހިދުމަތްތަކުގެ އަގުވަޒަންކޮށް، ހޮންކޮންގައި ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ "ގްރޭންޑް ބޯހިނިއާ މެޑަލް" 2007 ގައި ލީ އަށް އަރުވާފައިވެ އެވެ.