Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

"ހޮޅިދަނޑި ވެއްޓުނު މައްސަލައިގެ އެތެރޭގެ ތަހުގީގެއް ނުކުރޭ"

އިއްޒުއްދީން މަގުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ބަހައްޓާފައި ހުރި ހޮޅި ދަނޑިއެއް ވެއްޓުމުގެ ސަބަބުން ޒުވާން އަންހެން ކުއްޖަކު މަރުވި ހާދިސާއާ ގުޅިގެން ތަހުގީގެއް ހިންގާފައިވާ ނުވާކަން 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

ހައުސިން މިނިސްޓްރީގެ ޕަބްލިކް ސާރވިސް ޔުނިޓްގައި މަސައްކަތް ކުރައްވާ ސީނިއާރ މުވައްޒަފަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި މިނިސްޓަރ ވިދާޅުވާ ފަދަ އެއްވެސް ތަހުގީގެއް ކުރިއަށް ގެންގޮސްފައި ނުވާކަމަށެވެ.

އެހެން ނަމަވެސް އެކަމާއި ގުޅިގެން އެ ޑިޕާޓްމެންޓުގެ މުވައްޒަފުންނާއި ބައްދަލުކޮށް މިނިސްޓަރ ވާހަކަ ދައްކާފައިވާ ކަމަށާއި، އަދި ހޮޅިދަނޑި ވެއްޓުނު މައްސަލައާއި ގުޅިގެން އެއްވެސް މުވައްޒަފަކު މީޑިޔާއަށް މައުލޫމާތު ނުދިނުމަށް އަންގާފައިވާ ކަމަށެވެ.

މިކަމާއި ބެހޭގޮތުން، މައުލޫމާތު އޮޅުންފިލުވާލުމަށް 'އައްޑޫލައިވް'ގެ ފަރާތުން މިނިސްޓަރ މުއިއްޒަށް ގުޅި ނަމަވެސް އެބޭފުޅާ ފޯނަށް ޖަވާބު ނުދެއްވާތީ މިކަމުގައި އެބޭފުޅާގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ހިތަދޫ ލިލަކް، އަޒްފާ ޒުހެއިރު ނިޔާވި މައްސަލަ ބަލައި ދިނުމަށް އާއިލާއިން ރައީސް ޔާމީންގެ އަރިހުން އެދިވަޑައިގެންފައިވާ އިރު، އެމައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަޒްފާ ނިޔާވި ފަހުން ހައުސިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އަޒްފާގެ ބޮލަށް ވެއްޓުނު ހޮޅިދަނޑި އަކީ މަގުމަތީގައި ބަހައްޓާފައި ހުރި އެއްޗެއް ނޫންކަމަށާއި، މިނިސްޓްރީގެ އިންފާރުގެ ތެރޭގައި ބަހައްޓާފައި ހުރި ހޮޅިދަނޑި ހުންނާނީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބަލަންޖެހޭ ބެލުންތައް ބެލުމަށް ފަހު ކަމަށެވެ.

ހައުސިން މިނިސްޓްރީގެ ފަރާތުން އެ ހޮޅިދަނޑި ހުންނާނީ ބިމަށް މައުންޓްކޮށްފައި ކަމަށް ބުނި ނަމަވެސް ހޮޅިދަނޑި ވެއްޓުނު ތަނަށް ދިޔަ ފުލުހުން ވެސް ބުނެފައިވަނީ އެ ހޮޅިދަނޑިއަކީ ހަރުކޮށްފައި ހުރި އެއްޗެއް ނޫން ކަމަށް ބުނެފައެވެ.

މިކަމަކީ ސިޔާސީ ކަމެއް ކަމަށް ނުހެދުމަށް އާއިލާއިން އެދިފައިވާ އިރު މިކަމުގައި، ސަރުކާރުގެ ފަރާތުން ވަކި އެއްޗެއް ބުނެފައެވެ ނުވެއެވެ.