Last Updated: April 18, 20:01
Friday, April 18, 2025
ދުނިޔެ

ތިން ދުވަސްތެރޭ ގާޒާއިން 591 މީހަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ފާއިތުވި ތިން ދުވަސްތެރޭ ފަލަސްތީނުގެ ގާޒާއަށް ދިން ހަމަލާތަކުގައި 600 އާއި ގާތްކުރާ އަދަދަކަށް މީހުން ޝަހީދުކޮށްލައިފި އެވެ.

ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ މި ހަމަލާތަކުގައި 591 މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެތެރޭގައި 200 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ. އަދި 1،000 އަށް ވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިޒްރޭލުން ގާޒާއަށް ހުއްޓުމެއް ނެތި ހަމަލާ ދެމުންދާއިރު، އިއްޔެ އެކަނި ވެސް ގާޒާ އިން 85 މީހަކު ވަނީ ޝަހީދުކޮށްލާފަ އެވެ.

ގާޒާ އަށް އަލުން ހަމަލާތައް ދޭން އިޒްރޭލުން ފެށީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ރައްދުގައި ހަމާސް ޖަމާއަތުން ވެސް އިއްޔެ ވަނީ އިޒްރޭލަށް ވައިގެ ހަމަލާތަކެއް ދީފަ އެވެ.

އިޒްރޭލުން ގާޒާއަށް ހަމަލާދޭން ފުރަތަމަ ފެށީ 2023 ވަނަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ކަމަށްވާއިރު، އެ ހަމަލާތަކުގައި ގާޒާ އިން 48،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެ، 111،630 މީހަކަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގެ 85 ޕަސެންޓު މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، ގާޒާގެ ބައި މިލިއަނެއްހާ މީހުން ބަޑުހައިހޫނުކަން އަންނަނީ ތަހައްމަލު ކުރަމުންނެވެ.