މިނިވަން 50 ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ މީދޫ ޓީމާއި ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ އެންމެ ކާމިޔާބް އެއް ޓީމް ކަމުގައިވާ ވިކްޓްރީ އާއި ދެމެދު މިމަހުގެ 17 ވަނަ ދުވަހު ކުރީން ކުޅުމަށް ހަމަޖެހިފައިވާ މެޗް މިމަހުގެ 14 ވަނަދުވަހު އަވަސް ކޮށްފިއެވެ.
މިމަހުގެ 15 ވަނަ ދުވަހު ހިތަދޫ ޒޯން ސްޓޭޑިއަމްގައި ފަށާ ޕްރެޒިޑެންޓް ކަޕްގެ ގްރޫޕް ބީގެ މެޗްތައް ކުޅުމަށް އައްޑޫއަށް މާދަމާ ހެނދުނު އަންނަ ވިކްޓްރީ އާއި މީދޫ ކުޅޭ މެޗް ބެލުމަށް މިމަހުގެ 14 ވަނަ ދުވަހު ހަވީރު 4.00 އަށް ވީހާވެސް ގިނަބަޔަކު މީދޫ ފުޓްބޯޅަ ދަނޑަށް ހާޒިރުވުމަކީ މިމެޗް އިންތިޒާމްކުރާފަރާތުގެ ވަރަށްބޮޑު އެދުމެކެވެ.
މިމެޗަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ޓީމެއް މީދުއަށް އައިސް ކުޅޭ ފުރަތަމަ މެޗެވެ.

ވިކްޓްރީ އާއި އެކު އެކުވެރިކަމުގެ މެޗެއް މީދޫން ކުޅޭ އިރު މީދޫ ޓީމްގެ ކޯޗަކީ މަޝްހޫރު ބޮޑު ހީނާއެވެ. ހީނާގެ އިރުޝާދުގެ ދަށުން މީދޫ ފަރިތަ ކުރަމުން އަންނަ އިރު އެކުވެރިކަމުގެ މެޗްތަކުގައި މީދޫ އަދި މޮޅުވެފައި ނުވެއެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ވަރަށް ބޮޑަށް ކުޑަވެފައި ވަނިކޮށް އެފްއޭއެމްގެ ފަރާތުން އަތޮޅު ތަކުގެ ފުޓްބޯޅަ ފޯރިގަދަ ކުރުމަށް ފަށާފައިވާ މިނިވަން 50 ޗެމްޕިއަންޝިޕްގެ ސަބަބުން އައްޑޫގައިވެސް މިދުވަސްކޮޅު ފުޓްބޯޅަ ފޯރި މިވަނީ ގަދަވެފައެވެ.