ޕްރެޒިޑެންޓް ކަޕްގައި ވާދަ ކުރުމަށް މިހާރު އައްޑޫއަށް އައިސްފައިވާ މާޒިޔާ ސްޕޯޓްސް ކްލަބްގެ ކުޅުންތެރިންނާއި އޮފިޝަލުން އައްޑޫގައި ތިބީ ވަރަށް ބޮޑަށް ހިތް ހަމަޖެހިގެން ކަމަށާއި، މިހާރުގެ އަމާޒަކީ ގްރޫޕް ސްޓޭޖް ކާމިޔާބް ކޮށް ސެމީއަށް ދިއުން ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
އިއްޔެ ހިތަދޫ ޓާފްގައި ބޭއްވި އެޓީމްގެ ފުރަތަމަ ފަރިތަ ކުރުމަށް ފަހު "އައްޑޫލައިވް"އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ސުޒޭން ވިދާޅުވީ މާޒިޔާ ޓީމްގެ އެންމެ ބޮޑު އަމާޒަކީ ދެވަނަ ބުރުން ޖާގައެއް ކަށަވަރު ކުރުން ކަމަށެވެ.
"އަދި މާދުރަކަށް ނުވިސްނަން. މިހާރު މުޅިން ފޯކަސް މިކުރަނީ ގްރޫޕް ސްޓޭޖް ކާމިޔާބް ކުރުމަށް. ޓީމްގެ ހުރިހާ ކުޅުންތެރިންވެސް މިތިބީ އެ އަޒުމުގައި"

ސުޒޭން ވިދާޅުވީ ޕްރެޒިޑެންޓް ކަޕްގެ މާލެއިން ބޭރުގައި ބޭއްވުމަށް ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.
"މިފަދަ މުބާރާތްތައް މާލެއިން ބޭރުގައި ބޭއްވުމަކީ ހަގީގަތުގައިވެސް ވަރަށް ރަނގަޅު ނިންމުމެއް. މީގެ ސަބަބުން ދަނޑުތައް ތަރައްޤީ ކުރެވި އިތުރު ފެސިލިޓީތައް ރަނގަޅުވެގެންދާނެ. އަނެއް ކޮޅުން އައްޑޫގައި ގިނަ ވަސީލަތްތައް އެބަހުރި، ފެންވަރު ރަނގަޅު ގެސްޓް ހައުސް އެބަހުރި، ޓީމްތައް ތިބެން. މިހާރުވެސް ކޮންމެ ދެ ކުޅުންތެރިއަކު މިތިބެނީ އޭސީ ކޮޓަރިއެއްގައި. ގަލޮޅު ދަނޑަށް ވުރެ ހިތަދޫ ސްޓޭޑިއަމްގެ ވިނަގަޑު މާ ރަނގަޅު. މީ ރަނގަޅު ނިންމުމެކޭ ދެންނެވޭނީ"

މާޒިޔާގެ ފަރިތަ ކުރުންތައް އިއްޔެ ފަށާފައިވާ އިރު ގްރޫޕް ބީގައި ހިމެނޭ ވެލެންސިއާވެސް އިއްޔެ ވަނީ އައްޑޫއަށް އައިސްފައެވެ. އަދި މިއަދު ހެނދުނު ވިކްޓްރީވެސް ވަނީ އައްޑޫއަށް އައިސްފައެވެ.