Last Updated: June 27, 20:02
Saturday, June 27, 2026
ކުޅިވަރު

އެމްސީޔޫ ޓީޗާރސް ފުޓްސަލް: މިއަދުގެ ދެ މެޗްވެސް އެއްވަރު!

ހިތަދޫ މެދުވަލު ސިޓީ ޔުނައިޓެޑް (އެމްސީޔޫ)އިން ކުރިއަށްގެންދާ ޓީޗާސް ފުޓްސަލް މުބާރާތުގެ މިއަދު ކުޅުނު ދެ މެޗްވެސް އެއްވަރުވެގެން ނިމިއްޖެއެވެ.

ހިތަދޫ ފުޓްސަލް ދަނޑުގައި މިއަދު ކުޅުނު ފުރަތަމަ މެޗްގައި ހިތަދޫ ސްކޫލާއި މެދުވަލު ޕްރީސްކޫލް ބައްދަލު ކުރި މެޗް ނިމުނީ 1-1 ލަނޑުން އެއްވަރުވެގެންނެވެ.

މި މެޗްގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ މެދުވަލު ސްކޫލުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބް ކޮށްދިނީ ޖޯޒީ ނަންބަރު 10 ޝިރުނީ ރަޝީދެވެ. ނަމަވެސް ހިތަދޫ ސްކޫލްގެ ފަރުހާ މުހައްމަދު ޖަމީލް ވަނީ ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހިތަދޫ ސްކޫލުން އެއްވަރުކުރި ލަނޑު ޖެހި ފަރުހާ މުހައްމަދު ޖަމީލްއެވެ.

މި މުބާރާތުގެ މިއަދު ކުޅުނު ދެވަނަ މެޗްގައި އުޖާލާ ޕްރީސްކޫލާއި، އަމާން ޕްރީ ސްކޫލް ބައްދަލު ކުރި މެޗް ނިމުނީ 2-2 ލަނޑުން އެއްވަރުވެގެންނެވެ.

މި މެޗްގައި އުޖާލާއިން ޖެހި ދެ ލަނޑު ޖަހައިދިނީ އެޓީމްގެ ނަމްބަރ 9 ފާތިމަތު ޒާހިރާއާއި، 10 ނަންބަރު ޖޯޒީގައި ކުޅުނު ލީސާ އަހުމަދެވެ.

އަމާން ޕްރީސްކޫލުގެ ލަނޑުތައް ޖެހީ ޖޯޒީ ނަންބަރު 44 މަރިޔަމް މޫހަތާއި، ޖާރޒީ ނަމްބަރ 7 ޝާހިދާ މުހައްމަދެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އަމާން ޕްރީސްކޫލުގެ މޫހަތެވެ.

މާދަމާ މި މުބާރާތުގެ ތިން މެޗް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗްގައި ބައްދަލު ކުރާނޫ މަރަދޫ ފޭދޫސްކޫލުގެ ފިރިހެންޓީމާއި، ހިތަދޫ ސްކޫލުގެ ފިރިހެން ޓީމެވެ.

ދެވަނަ މެޗުގައި ބައްދަލުކުރާނީ ކެންގަރޫ ކިޑްސް ގެ އަންހެން ޓީމާއި، ޝަރަފުއްދީން ސްކޫލްގެ އަންހެން ޓީމެވެ.

ތިންވަނަ މެޗުގައި ބައްދަލުކުރާނީ ކުދިމާ ޕްރީސްކޫލާއި މަރަދޫ ސްކޫލުގެ އަންހެން ޓީމެވެ.