Last Updated: May 8, 18:04
Thursday, May 8, 2025
މުނިފޫހިފިލުވުން

'ކްރިޝް 4' ގައި ޕްރިތީ އާއި ނޯރާ

ރިތިކް ރޯޝަންގެ ސުޕަހީރޯ ފިލްމު ފްރެންޗައިޒް "ކްރިޝް" ގެ ހަތަރު ބައި އޭނަ ޑައިރެކްޓް ކުރަން ނިންމާފައިވާ އިރު، އެ ފިލްމުގެ ބަތަލާއިންނަކީ ޕްރިތީ ޒިންތާ އާއި ނޯރާ ފަތުހީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ނަމަވެސް "ކްރިޝް 4" ޑައިރެކްޓް ކުރަން ނިންމުމާއި އޭގެ ކާސްޓާ ބެހޭ ގޮތުން މިހާރު ދެކެވެމުން އަންނަ ވާހަކަތަކާ ގުޅޭ ގޮތުން ރިތިކް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު މި ފިލްމު ހަދަން ނިންމާފައި ވަނީ އޭނަގެ އާއިލީ ފިލްމު ކުންފުނި، ފިލްމުކްރާފާރްޓް އާއި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގުޅިގެންނެވެ.

"ކްރިޝް 4" އިން ޕްރިތީ ފެންނާނެކަމުގެ ވާހަކަތަކެއް ދެކެވެން ފެށި އިރުމ ފާހަގަކޮށްލެވޭ ކަމަކީ އޭނަ އަކީ މި ފްރެންޗައިޒްގެ ފުރަތަމަ ފިލްމު ކަމަށްވާ، 2003 ގެ "ކޮއި…މިލް ގަޔާ" ގެ ބަތަލާކަމެވެ. ޕްރިތީ އެކްޓީންއާ ދުރުގައި ހުންނަތާ ގިނަ އަހަރުތަކެއް ފަހުން މިދިޔަ އަހަރު ވަނީ އަލުން ފިލްމީ މަސައްކަތަށް އައިސްފަ އެވެ.

އެގޮތުން އޭނަ ސަނީ ޑިއޯލްއާ އެކު ކުޅެފައިވާ ޑައިރެކްޓަރު ރާޖްކުމާރު ސަންތޯޝީގެ "ލާހޯރް، 1947" މި އަހަރު ރިލީޒްކުރާނެ އެވެ.

"ކްރިޝް 4" ގެ ބަތަލާއިންނާ ބެހޭ ވަރަށް ގިނަ ވާހަކަތަކެއް މީގެ ކުރިން ވެސް ވަރަށް ގަދައަށް ދެކެވިފައިވެ އެވެ. އެގޮތުން ފިލްމުގެ ލީޑް ބަތަލާއަކަށް ޝްރަދާ ކަޕޫރް، ކްރިތީ ސެނަން އަދި ޖެކްލީން ފެނަންޑޭޒް ހަމަޖެއްސި ވާހަކަތަކެއް ކުރިން ދެކެވިފައިވެ އެވެ.

މި ފަހަރު މީގެ ކާސްޓާ ނޯރާ ގުޅުފައިވާ އިރު، އެކަން ތެދަކަށްވެއްޖެ ނަމަ "ކްރިޝް 4" ވާނީ ރިތިކާ އެކު އޭނަ މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.

ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުން އަންނަނީ ރިތިކް ރަސްމީކޮށް "ކްރިޝް 4" އިއުލާން ކުރާނެ އެވެ. މީގެ އަނެއް ތިން ފިލްމު ޑައިރެކްޓްކުރީ އޭނަގެ ބައްޕަ ރާކޭޝް ރޯޝަނެވެ. ދެހާސް ހައެއްގެ "ކްރިޝް" ގެ ބަތަލާ އަކީ ޕްރިޔަންކާ ޗޯޕްޅާ އެވެ. އަދި 2013 ގެ "ކްރިޝް 3" ގެ ބަތަލާއިންނަކީ ޕްރިޔަންކާ އާއި ކަންގަނާ ރަނާވަތެވެ.