ފުޓްބޯޅަ މުބާރާތެއް އައްޑޫގައި ބާއްވައިފިނަމަ އެ މުބާރާތް ބަލަން ރަށުގެ ކުދި ބޮޑު އެންމެން ދިޔަ ޒަމާނެއް ދިޔައެވެ. އޭރު އައްޑޫގެ ޖައްވު ގުގުމާލާފައިވަނީ ޑީއެންސީ ޓީމާއި އެޓީމްގެ މޮޅު ކުޅުންތެރިއާ އުދުހޭ މުފީދު ފަދަ އެތައް ކުޅުންތެރިންގެ އަޑުންނެވެ.
ރާއްޖޭގެ އެންމެ ފަހްރުވެރި، އަދި އެންމެ ދިގު ތާރީހެއް އޮތް ޕްރެޒިޑެންޓް ކަޕް ވަނީ އައްޑޫގައި ބާއްވާފައެވެ. އެއީ 1970 ވަނަ އަހަރުއެވެ. އޭގެ 45 އަހަރު ފަހުން މިއަދު އައްޑޫ ސްޓޭޑިއަމްގައި އަލުން މުބާރާތް ބާއްވާ އިރު ހުރިހާމަކެއްވެސް މިވަނީ ބަދަލުވެފައެވެ.
ކުރިން އައްޑޫގައި ފުޓްބޯޅައަށް އޮތް ފޯރި މިހާރު ވަނީ ކުޑަވެފައެވެ. ނަމަވެސް ދިވެހި ފުޓްބޯޅައަށް މަރުދޭ އެތައް ބަޔަކު މިހާރުވެސް އައްޑޫގައި އެބައުޅެއެވެ.
ކްލަބް ވެލެންސިއާ، ނިއުރޭޑިއަންޓް އަދި ވިކްޓްރީގެ ސަޕޯޓަރުން އައްޑޫގައި މަދެއް ނުވާނެއެވެ. އަދި މާޒިއާ އާްއި އީގަލްސް ފަދަ ޓީމްތައްވެސް މިހާރު އައްޑޫއަށް ފަރިތައެވެ.
އެހެން ކަމުން މިއަދު ހަވީރު ފަށާ ޕްރެޒިޑެންޓް ކަޕްގެ ފޯރި އައްޑޫގައި ކުޑަވާނެކަމަކަށް ނުބެލެވެއެވެ.
މާޒިއާ އަދި ވެލެންސިއާ މިއަދު ކުޅޭ މުބާރާތުގެ ފުރަތަމަ މެޗް ބެލުމަށް އެތައްބަޔަކު އައްޑޫ ސްޓޭޑިއަމްއަށް ވަންނާނެކަމަށް ބެލެވެއެވެ.
ނަމަވެސް މުބާރާތް އައްޑޫގައި ޕްރޮމޯޓް ކުރުމަށް އެފްއޭއެމްއަކަށް އެއްވެސް މަސައްކަތެއް ކުރެވިފައި ނުވެއެވެ. އޭގެ އަސަރު ކޮންމެވެސް ވަރަކަށް މުބާރާތުގެ ކުރީ ކޮޅު ފެނިދާނެއެވެ.
މުބާރާތުގެ ގްރޫޕް ބީގައި ހިމެނޭ، މާޒިއާ، ވެލެންސިއާ، އީގަލްސް، އަދި ވިކްޓްރީގެ މެނޭޖަރުންނާއި، ކުޅުންތެރިންގެ ބަހަކީ ފޯރިގަދަ ވާދަވެރި މެޗްތަކެއް އައްޑޫގައި ކުޅޭ އިރު އެޓީމްތަކުގެ އައްޑޫ ސަޕޯޓަރުން ދަނޑުން ފެންނަން ބޭނުން ކަމަށެވެ.
ޕްރެޒިޑެންޓް ކަޕް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު މުބާރާތުގެ އޭ ގްރޫޕްގެ މެޗްތައް ކުޅެނީ ކުޅުދުއްފުށީ ސްޓޭޑިއަމްގައެވެ. ނަމަވެސް މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ އައްޑޫ ސްޓޭޑިއަމްގައެވެ.
އޭއެފްސީ ޗެލެންޖްކަޕްގެ މެޗްތައް އައްޑޫ ސްޓޭޑިއަމްގައި ކުރިއަށް ދިޔަ އިރު މެޗް ބަލަން ސިޑި ބަރި ފުރެންދެން މީހުންވަނެވެ. ޓިކެޓް ނުލިބުމުގެ ޝަކުވާ ބޮޑުވިއެވެ.
އެކަމަކު މިއަދު ފަށާ ޕްރެޒިޑެންޓް ކަޕް ބެލުމަށް ހިލޭ ދަނޑަށް ވަދެވޭ އިރު، އައްޑޫއަށް ނިސްބަތްވާ ބައެއް ކުޅުންތެރިންގެ ހުނަރުވެރި ކުޅުން ފެނިގެންދާނެއެވެ.
މަޑުން ގޭގައި ނުތިބެ، މުބާރާތުގެ ފޯރިގަދަކޮށްލުމަށް އެންމެންވެސް ދަނޑަށް ދިއުމަށް އެފްއޭއެމް އައްޑޫން ވަރަށް ބޮޑަށް އެދެއެވެ.