ބޮލީވުޑްގެ ކާމިޔާބު، ޒުވާން އެކްޓަރު ކާތިކް އާރިއަން ކޮމެޑީ ޓްރިލޮޖީއަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ޕިންކްވިލާ އިން ބުނީ މިއީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ޕްރޮޑިއުސަރު މަހާވީރު ޖެއިން ގުޅިގެން ހަދަން ހަމަޖެހިފައިވާ އެއްޗެއް ކަމަށެވެ. ނަން އަދި ސާފު ނުވާ މި ޓްރޮލޮޖީގެ ޑައިރެކްޓަރަކީ "ފުކްރޭ" ގެ ތިން ފިލްމު ވެސް ގެނެސްދިން މިރްގްދީޕް ސިންގް ލާމްބާ އެވެ.
ޕިންކްވިލާ އިން ބުނީ ކާތިކްގެ ޓްރިލޮޖީގެ ތައްޔާރީތައް މިހާރު ކުރިއަށްދާ އިރު، ފުރަތަމަ ބައިގެ ޝޫޓިން ފަށަން ޕްލޭންކޮށްފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އަދި ފިލްމު އަންނަ އަހަރު ސިނަމާތަކަށް ގެންނާނެ އެވެ. ނަމަވެސް ފިލްމުގެ ޓީމުން އަދި ރަސްމީކޮށް އިއުލާން ނުކުރާތީ، މިއާ ބެހޭ އެއްވެސް އިތުރު އެއްވެސް ތަފުސީލެއް ނުލިބެ އެވެ.
ބޮލީވުޑްގެ މިހާރު އެންމެ "ބޭންކަބްލް" އެކްޓަރުންގެ ތެރޭގައި ހިމެނޭ ކާތިކް ދަރުމާގެ ޓްރިލޮޖީއަކަށް ސޮއިކޮށްފައި އިރު، އެ ސްޓޫޑިއޯގެ އެހެން ފިލްމެއް ވެސް އޭނަގެ އަތުގައި އެބައޮތެވެ. އެއީ އަންނަ މަހު ޝޫޓިން ފަށާ ޑައިރެކްޓަރު ސަމީރު ވިދުވަންސްގެ ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ ތޫ މޭރީ" އެވެ.
ކާތިކްގެ 2023 ގެ "ސަތިއަޕްރޭމް ކީ ކަތާ" ވެސް ގެނެސްދިން ސަމީރު ހަދާ މި ފިލްމުގެ ބަތަލާ އަކީ އަނަންޔާ ޕާންޑޭ އެވެ. "ތޫ މޭރީ މޭ ތޭރާ ތޫ މޭރީ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެބްރުއަރީ 13 ގަ އެވެ.
ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ބޫލް ބުލައްޔާ 3" އެވެ. އޭނަ މިހާރު އަންނަނީ ޑައިރެކްޓަރު އަނޫރާގް ބާސޫގެ އަސަރު ގަދަ ލޯބީގެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. މި އަހަރުގެ ނޮވެމްބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ އެ ފިލްމުގެ ބަތަލާ އަކީ ސްރީލީލާ އެވެ.