Last Updated: August 20, 20:24
Wednesday, August 20, 2025
ކުޅިވަރު

ނައްޓޭގެ ހުނަރުވެރިކަން އައްޑޫ ފުޓްބޯޅަ ދަނޑުން ފެނިގެންދާނެ ދުވަހެއް !

އެފްޢޭއެމްގެ ފަރާތުން އައްޑޫގައި ހިންގި ވައިޑީޕީ ޕްރޮގްރާމްގެ ތެރެއިން އުފެދިގެން ދިޔަ މޮޅެތި ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔަކީ ހަމަގައިމު ވެސް އަހުމަދު ނާޝިދު (ނައްޓޭ) އެވެ.

ނައްޓޭގެ އަކީ އޭނާގެ މޮޅު ކުޅުން ފާހަގަކުރެވިގެން ރާއްޖޭގެ އެއްވަނަ ޑިވިޝަނުގެ ފުޓްބޯޅަ ޓީމުތަކުން ފުރުސަތު ލިބުނު އައްޑޫގެ މަދު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހިތްވަރުގަދަ ކުޅުންތެރިއެކެވެ.
ރާއްޖޭގެ އެއްވަނަ ޑިވިޝަނުގައި ނައްޓޭގެ މޮޅު ކުޅުން އެންމެ ރަގަޅަށް ފެންނަން ފެށީ އޭނާ މިހާރު ކުޅެމުންދާ މާޒިޔާ ސްޕޯޓްސް ކްލަބަށް ކުޅެން ފެށި ހިސާބުންނެވެ.

މާޒިޔާގައި ނައްޓޭގެ ފަރާތުން ފެންނަމުން ދިޔަ މޮޅު ކުޅުމުގެ ސަބަބުން އޭނާ ވަނީ ޤައުމީ ފުޓްބޯޅަ ޓީމުން ވެސް ޖާގަ ހޯދައިފައެވެ. ޖާގަ ހޯދީ އެކަންޏެއް ނޫނެވެ. އޭނާ އަކީ މިހާރު ޤައުމީ ޓީމުގައި ވެސް މުހިއްމު ކުޅުންތެރިއެކެވެ.

ފުރަތަމަ ޑިވިޝަނުގައި ކުޅެމުން ދިޔަ ނަމަވެސް އައްޑޫގައި ބާއްވާ ބައެއް މުބާރާތްތަކުގައި ވާދަކުރާ ޓީމުތަކުން އެންމެ ފުރަތަމަ ވެސް ގެންނަން ބޭނުންވާ އެއް ކުޅުންތެރިޔަކީ ނައްޓޭ އެވެ. ނައްޓޭގެ ހުނަރުވެރިކުޅުން ހަމަ ލޮލުން ބަލާލުމުގެ ފުރުސަތު ނުލިިބި ދުވަސްތަކެއް ވުމަށް ފަހު މިއަދު އަނެއްކާ ވެސް އައްޑޫ ސިޓީގެ ރައްޔިތުންނަށް ނައްޓޭގެ ކުޅުން އައްޑޫ ފުޓްބޯޅަ ދަނޑުގައި ފެނިގެންދާނެއެވެ.

"އައްޑޫ ސިޓީގެ ފަޚުރުވެރިވާ ފަދަ ކުޅުންތެރިއެއް ނައްޓޭ އަކީ. ޑިސިޕްލިން އަކީ ފުޓްބޯޅައިގައި ކުރިއަށް ދިއުމަށް ބޭނުންވާ އެއްޗެއްކަން އޭނާ އެދަނީ ސާބިތުކޮށްދެމުން" އައްޑޫގައި ކުރިން ވައިޑީޕީ ޕްރޮގްރާމް ހިންގި އިރު އިސްކޮށް ހަރަކާތްތެރިވި ބޭފުޅަކު ބުންޏެވެ.

އައްޑޫގައި މިއަދު ފަށާ ޕްރެޒިޑެންޓްސް ކަޕް 2015 ގައި މާޒިޔާ ސްޕޯޓްސް ކްލަބާއި ވެލެންސިޔާ މިއަދކުޅޭ މެޗްގައި ނައްޓޭގެ ކުޅުން ބަލާލުމަށް އައްޑޫގެ ގިނަ އަދަދެއްގެ ރައްޔިތުން ދަނޑަށް ދާނެކަން ކަށަވަރެވެ. ނައްޓޭ މާޒިޔާގައި ހުރުމަކީ، މާޒިޔާއަށް އައްޑޫގެ ގިނަ ބައެއްގެ ސަޕޯޓް ލިބޭނެ ކަމަކަށް ވިޔަސް އައްޑޫގައި ވެލެންސިޔާގެ ސަޕޯޓަރުން ވެސް މަދުވާނެ ކަމަކަށް ނުބެލެވެއެވެ.