ވައްކަމާއި، މަސްތުވާތަކެތީގެ މައްސަލަތަކުގައި 30އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ހަވީރު އައްޑޫ ސްޓޭޑިއަމްގައި ފަށާ ޕްރެޒިޑެންޓް ކަޕްގެ ގްރޫޕް ބީގެ ޓީމްތަކުގެ މެނޭޖަރުންނާއި އެކު ރޭ ބޭއްވި ބައްދަލުވުމުގައި ދެކުނު ޑިވިޝަން ކޮމާންޑަރ ޗީޕް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން ސަމީރު ވިދާޅުވީ، މިމަހު ކުރީ ކޮޅު އައްޑޫގައި ވައްކަން ކުރުން އިތުރުވެގެން ގޮސްފައިވާ ކަމަށާއި، ނަމަވެސް މިހާރު އެކަމާއި ގުޅިގެން ގިނަ ބަޔަކު ހައްޔަރުކޮށް ރަށުގެ އާއްމު ހާލަތު ރަނގަޅު ކުރެވިފައިވާ ކަމަށެވެ.
ސަމީރު ވިދާޅުވީ މުބާރާތުގެ ސެކިއުރިޓީގެ ހުރިހާ ކަމެއް މޯލްޑިވްސް ޕޮލިސް ސާވިސް އިން ފުރިހަަމައަށް ކުރިއަށްގެންދާނެ ކަަމަށެވެ.
އަދި ޓީމްތައް ތިބޭ ގެސްޓް ހައުސްތަކުގެ ފުރިހަމަ މައުލޫމާތު ފުލުހުންނާއި ހިއްސާކުރުމުން އެތައްތަން ފުލުހުން ބަލަހައްޓަމުން ދާނެކަމަށެވެ.
ޓީމްތައް އައްޑޫގައި ތިބޭ އިރު އަދި އެއްތަނުން އަނެއްތަނަށް ދަތުރު ކުރާ އިރު މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުވެގެން ދަތުރު ކުރުމަށް ސަމީރު ވަނީ އެދިވަޑައިގެންފައެވެ.
ޕްރެޒިޑެންޓް ކަޕްގެ ސެކިއުރިޓީ ހުރިހާ ކަމެއް ވަރަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ރޭގެ ބައްދަލުވުމުގައި ސަމީރު ވިދާޅުވިއެވެ.