Last Updated: July 3, 18:27
Friday, July 3, 2026
ޚަބަރު

ކޭނަރީގެ މަސައްކަތް ހުއްޓައެއް ނުލަން: ކޫއްޑޫ

އައްޑޫގައި ކޫއްޑޫ މޯލްޑިވްސް އިން ގާއިމު ކުރަން ނިންމި މަސް ބަންދުކުރާ ކާރުހާނާގެ މަސައްކަތް ހުއްޓާ ނުލާކަމަށް ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުޠައްލިބް ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީ އަށް މީހުން އިތުރުކުރަމަށް ހިންގަމުންދާ ހަރާކާތުގައި ބައިވެރިވެވަޑައިގެން މިވަގުތު އައްޑޫގައި ހުންނެވި މުޠައްލިބް ވިދާޅުވީ އައްޑޫގައި އަޅަން ނިންމި މަސްބަންދުކުރާ ފެކްޓްރީގެ މަސައްކަތް މިވަގުތު މަޑުޖެހިފައިވަނީ ސަރުކާރަށް ނިސްބަތްވާ ބޮޑެތި ބައެއް ޕާޓީތަކުގެ އެހީތެރިކަމާއި އެކު ހުވަދު އަތޮޅުގެ ބައެއް ރައްޔިތުން ކުރިއަށްގެންދިޔަ ހަޅުތާލެއްގެ ސަބަބުންނެވެ.

މުޠައްލިބް ވިދާޅުވީ އައްޑޫގައި އައްޑޫގެ ރައްޔިތުންނަށް ފައިދާ ކުރުވަނިވި ފެކްޓަރީއެއް ގާއިމް ކުރުމަކީ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ އަމާޒެއް ކަމަށާއި ﷲ ގެ އިރާދަފުޅުން އައްޑޫގައި މަސްބަންދު ކުރާ ކާރުޚާނާއެއް ގާއިމް ކޮށްދޭނެ ކަމަށެވެ.

"އައްޑޫގައި މަސް ބަންދުކުރާ ކާރުހާނާއެއް ޤާއިމްކުރެވިއްޖެ ނަމަ 300 އެއްހާ ވަޒީފާ އުފެދިގެންދާނެކަމަށް މި ބަލަނީ. އޭގެ ތެރޭގައި ގިނަ އަންހެން ބޭފުޅުންނަށްވެސް ބައިވެރިވެ މި ކޭނަރީއިން އާމްދަނީ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ" މުޠައްލިބް ވިދާޅުވިއެވެ.