Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

އަބްދުއްރަހީމް އުޒްބަކިސްތާނަށް

އިންޓަ-ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އުޒްބަކިސްތާނަށް ވަޑައިގެންފި އެވެ.

އެ އެސެމްބްލީ ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 9 އާ ހަމައަށެވެ.

މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ ދަތުރުގައި އަބްދުއްރަހީމްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދާއި ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމާއި މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢުގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން އިމްރާން ލަޠީފް ބައިވެރިވެވަޑައިގަންނަވަ އެވެ.

އައިޕީޔޫ އަކީ 157 ގައުމުގެ މައްޗަށް އެކުލެވިގެންވާ ޖަމިއްޔާއެކެވެ.

މިއަދު ފަށާ މި އެސެމްބްލީގެ މައިގަނޑު މައުޟޫއެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ ސައިންސާއި ޓެކްނޮލޮޖީ އަދި އީޖާދުގެ ބޭނުން ހިފައި، ސުލްހަވެރި ދެމެހެއްޓެނިވި މުސްތަގްބަލެއް ބިނާކުރުމެވެ.