ރާއްޖޭގެ ޕްރޮޑަކްޝަން ހައުސްއެއް ކަމަށްވާ އަައި ފިލްމްސްގެ ކުރިއަށް އޮތް ފިލްމު "ލޯބިން" ކުޅޭނެ މީހުން ހޯދަން ކާސްޓިން ކޯލަކަށް ހުޅުވާލައިފި އެވެ.
އެ ސްޓޫޑިއޯ އިން ބުނީ ފިލްމަށް އާ މޫނުތަކެއް ބޭނުންވާތީ އެކްޓް ކުރަން ޝައުގުވެރިވާ މީހުންނަށް އޮޑިޝަަނަކަށް ދައުވަތުދޭ ކަމަށެވެ. އެގޮތުން އުމުރުން 18 އަހަރުން މަތީގެ ދެ ޖިންސްގެ މީހުންނަށް މި ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެކްޓް ކުރަން ޝައުގުވެރިވާ މީހުން އޮޑިޝަންގައި ބައިވެރިވުމަށްޓަކައި ނަމާއި އުމުރާއި ފޮޓޯ ހިމަނައި މި ނަންބަރަށް 7242555 އަށް ވައިބަކުރަން އައި ފިލްމްސް އިން އެދިފައިވެ އެވެ.
މިދިޔަ އަހަރު ޑިސެންބަރު މަހުގެ ތެރޭގައި އެ ސްޓޫޑިއޯ އިން އިއުލާންކުރި "ލޯބިން" އަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ، ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. މިއާ ބެހޭ މާ ބޮޑު ތަފުސީލެއް މިހާތަނަށް އަދި ހާމަކޮށްފައި ނެތަސް މި އަހަރުގެ ތެރޭގައި ބެލުންތެރިންނަށް ފިލްމު ގެނެސްދޭނެ ކަމަށް ބެލެވެ އެވެ.
އިއްލެ އަކީ "ބަވަތި" އާއި "ނީނާ" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން ޑައިރެކްޓަރެވެ. އޭނަ ޑައިރެކްޓްކޮށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ ފެބްރުއަރީގައި އެޅުވި ބިރުވެރި ފިލްމު "ކަންބަޅި" އެވެ. އަދި އައި ފިލްމްސްގެ އެންމެ ފަހުގެ ފިލްމަކީ ކަޒްމިކް އިންޓަނޭޝަނަލްއާ ގުޅިގެން މިދިޔަ އަހަރުގެ ނޮވެމްބަރުގައި އެޅުވި "ދޭދަރު ރުއިން" އެވެ.
"ލޯބިން" އަކީ އައި ފިލްމްސް އިން ހަދާ ފުރަތަމަ ލޯބީގެ ފިލްމެވެ.