މި އަހަރުގެ އެންމެ އިންތިޒާރު ކުރެވޭ ދިވެހި ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު ފާތުމަތު ނަހުލާގެ އާ ފިލްމު "ސޮރީ" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.
މި އަހަރުހެ ޖޫން 17 ގައި ޕްރީމިއާކުރަން ހަމަޖެހިފައިވާ ފިލްމުގެ ޓްރެއިލާ ދައްކައިލީ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ.
ނަހުލާ ލިޔެ، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސްކޮށް ގެނެސްދޭ "ސޮރީ" އަކީ އޭނަގެ ސިގްނޭޗާ ސްޓައިލް ކަމަށްވާ ރުއިން ގިނަ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. ނަހުލާގެ އާއިލާގެ ދެ ކުޑަކުއްޖަކު ވެސް މުހިއްމު ރޯލުތައް ކުޅެފައިވާ ފިލްމުގެ ކާސްޓްގައި މަޝްހޫރު ތަރިންތަކެއް ވެސް ހިމެނެ އެވެ.
އޭގެ ތެރޭގައި ޔޫސުފް ޝަފީއު (ޔޫއްޕެ)، މަރިޔަމް އައްޒަ، އީސަ (އާނަންދު)، ކުރީގެ އެކްޓަރު ހުސައިން ސޮބާހް، ޝީލާ ނަޖީބު އަދި މަރިޔަމް ނިޝާ ހިމެނެ އެވެ. އަދި "ސޮރީ" ގެ ރޯލުތަކުން ވާޝިޔާ މުހައްމަދާއި އަހުމަދު ޝާރިފް ވެސް ފެންނާނެ އެވެ. މި ފިލްމުގައި ރޯލުތަކެއް ކުޅެފައިވާ ދެ ކުދިންގެ ތެރެއިން އެކަކީ ނަހުލާގެ ހަގު ދަރިފުޅު ލާލި އެވެ. އަނެއް ކުއްޖާ އަކީ އޭނަގެ މާމަ ދަރިއެއް ކަމަށްވާ އެވްލީ އެވެ.
އެވްލީ އަކީ ނަހުލާގެ ކުރީގެ ފިލްމުތައް ކަމަށްވާ "ނާއުންމީދު" އާއި "ޒުލޭހާ" ގައި ޗައިލްޑް އާޓިސްޓެއްގެ ރޯލު ކުޅުނު ނަހުލާގެ ދޮށީ އަންހެން ދަރިފުޅު ނާޝް ސިނާންގެ ދަރިއެކެވެ.
ނަހުލާ އަކީ ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ފިލްމުތަކެއް ގެނެސްދީފައިވާ އަދި ރާއްޖޭގައި ފިލްމު ބަލާ އޯޑިއަންސްގެ ވަރަށް ބޮޑު ލޯތްބެއް ހޯދާފައިވާ ޑައިރެކްޓަރެވެ. އޭނަ ޑައިރެކްޓްކޮށް ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ކަލާޔާނުލާ"، "ނާއުންމީދު"، "ޒުލޭހާ" އަދި "ޔޫސުފް" ހިމެނެ އެވެ.
ނަހުލާގެ އެންމެ ފަހުގެ ފިލްމަކީ އަހުމަދު ޝިނާންއާ ގުޅިގެން 2016 ގައި ގެނެސްދިން ބިރުވެރި ފިލްމު "4426" އެވެ.