ތ. އަތޮޅުގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން ބުނީ އެ ޚިދުމަތް މި ހަފުތާގެ ތެރޭގައި ފެށުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. ތ. އަތޮޅުުގައި ޑަޔަލިސިސްގެ ޚިދުމަތް ގާއިމުކުރާ ރަށަކީ ވޭމަންޑު އެވެ.
މި މަހުގެ ތެރޭގައި ނ. ވެލިދޫގައި ވެސް ޑަޔަލިސިސްގެ ޚިދުމަތް ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޑަޔަލިސިސްގެ ޚިދުމަތް އެންމެ ފަހުން ފެށީ ހއ. އިހަވަންދޫގަ އެވެ. އެ ހިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކަކީ، އއ، އދ، ވ، މ، ފ އަދި ދަ އަތޮޅެވެ.
ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސްގެ ޚިދުމަތް ލިބޭނެ ގޮތް ހެދުމެވެ.