ދަރިފުޅު ނީސާ ދޭވްގަން ބޮލީވުޑަށް ނުކުންނަން ތައްތާރުވަމުން ނުދާ ކަމަށް މަންމަ މަޝްހޫރު ބަތަލާ ކާޖޮލް ބުނެފި އެވެ.
މިހާރު އުމުރުން 21 އަހަރުގެ ނީސާ އަކީ ކާޖޮލް އާއި އެކްޓަރު އަޖޭ ދޭވްގަންގެ ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ހަގު ކުއްޖަކީ މިހާރު އުމުރުން 14 އަހަރުގެ ޔުދް ދޭވްގަނެވެ.
ނީސާ ބަތަލާއެއްގެ ގޮތުގައި ބޮލީވުޑަށް ނުކުންނަން އުޅޭ ވާހަކަ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ދެކެވިފައިވެ އެވެ. އެކަމަކު އޭނަ އަކީ މިހާތަނަށް ބޮލީވުޑާ ވަރަށް ދުރުކޮށް އުޅޭ މީހެކެވެ. ކާޖޮލް އާއި އަޖޭ ވެސް މީގެ ކުރިން ބުނެފައި ވަނީ ދަރިފުުޅު ފިލްމު ކުޅެން ނިންމައިފި ނަމަ އެކަމަށް ފުރިހަމަ އަށް އެެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމަށެވެ.
ނީސާ ބޮލީވުޑަށް ނުކުންނަން ތައްޔާރުވަމުން އަންނަ ކަމަށް ބުނެ ވާހަކަތަކެއް ދެކެވޭތީ، ނޫސްވެރިންތަކެއް ކުރި ސުވާލުތަކެއްގެ ޖަވާބުގައި ކާޖޮލް ބުނީ އެފަދަ އެއްވެސް ޕްލޭނެއް މި ވަގުތަކު ނެތް ކަމަށެވެ.
"ނީސާ ބޮލީވުޑަށް ނުކުތުމުގެ ޕްލޭނެއް މި ދަނޑިވަޅަކު ނެތް. ދަރިފުޅަށް މިހާރު ބާވީސް އަހަރު ވަނީ. އޭނަ ނިންމައިގެން ހުރީ އިންޑަސްޓްރީ އަށް އަދި ނުނިކުންނަން." ނިއުސް 18 ގައި އިވެންޓެއްގައި ކާޖޮލް ބުންޏެވެ.
ނީސާގެ ދެ ފަރާތުގެ އާއިލާ އަކީ ވެސް ފިލްމީ އާއިލާތަކެކެވެ. ނަމަވެސް އޭނަ މިހާތަނަށް ބޮލީވުޑަށް ވަރަށް ދުރުގައި އުޅޭތީ ނީސާ ބޮލީވުޑަށް ނުކުމެފާނެކަމާ ދޭތެރޭ ބައެެއް ފަރާތްތަކުން ސުވާލު ވެސް އުފައްދަ އެވެ.
އޭނަގެ އުމުރުގެ ވަރަށް ގިނަ ޒުވާނުން އަދި ކާޖޮލް އާއި އަޖޭގެ ޖީލުގެ ވަރަށް ގިނަ ތަރިންތަކެއްގެ ދަރިން މިހާރު ވަނީ އެ މީހުންގެ ބޮލީވުޑްގެ ދަތުރު ފަށައިފަ އެވެ.