Last Updated: April 18, 20:01
Friday, April 18, 2025
ދުނިޔެ

ޔުނިވާސަލްގެ ތީމް ޕާކެއް އިނގިރޭސިވިލާތަށް

ފިލްމު ވެސް އުފައްދާ އެމެރިކާގެ މަޝްހޫރު ކުންފުނި، ޔުނިވާސަލް އިން އިނގިރޭސިވިލާތުގައި ތީމެއް ޕާކެއް ގާއިމު ކުރަން ނިންމައިފި އެވެ.

ކުޅިވަރާއި މުނިފޫހި ފިލުވުމުގެ އެތައް ވަސީލަތްތަކެއް އެކުލެވޭ ގޮތަށް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ނިންމާފައިވާ މި ތީމް ޕާކް ގާއިމު ކުރަން ނިންމާފައި ވަނީ ބްރެޑްފޯޑްގަ އެވެ. ޖުމްލަ 476 އޭކަރުގެ މި ތީމް ޕާކް ހުޅުވަން އަމާޒު ހިފާފައި ވަނީ 2031 ގަ އެވެ.

އިނގިރޭސިވިލާތުގައި ޔުނިވާސަލް ޑެސްޓިނޭޝަންސް އެންޑް އެކްސްޕީރިއަންސް އިން ގާއިމުކުރާ ތީމް ޕާކަކީ ޔޫރަޕްގެ ގައުމެއްގައި އެ ކުންފުނިން ހަދާ ފުރަތަމަ ތީމް ޕާކެވެ. މަލްޓި ބިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓްގެ ސަބަބުން އިނގިރޭސިވިލާތުގައި އަލަށް 28،000 އެއްހާ ވަޒީފާ އުފެދޭނެ ކަމަށް ބުންޏެވެ.

ޔުނިވާސަލް އިން އަންދާޒާކޮށްފައިވާ ގޮތުގައި މި ތީމް ޕާކް ހުުޅުވާ އަހަރު އެކަނި ވެސް އެތަނަށް 8.5 މިލިއަން ޒޔާރަތްކުރާނެ އެވެ. އަދި 2055 އާ ހަމައަށް އަންނަ އިރު، އެތަނުން އިނގިރޭސި އިގުތިސާދަށް ވަންނަ އާމްދަނީ 50 ބިލިއަން ޕައުންޑް (64.1 ބިލިއަން ޑޮލަރު) އަށް އަރާނެ އެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން އިނގިރޭސި ބޮޑުވަޒީރު ކެޔާ ސްޓާމާ ވިދާޅުވީ ބްރެޑްފޯޑްގެ ތީމް ޕާކް ވަނީ މުޅި ޔޫރަޕްގެ މުނިފޫހި ފިލުމުވެ މައި ހަބަކަށް ކަމަށެވެ. އަދި އެ ގައުމުގެ ސަރުކާރުން ބުނީ ޔުނިވާސަލް ތީމް ޕާކް ވަނީ ގައުމުގެ ހާއްސަ "ލޭންޑްމާކް" އަށް ކަމަށެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ހަމަޖެހިފައި ވަނި އަންނަ އަހަރުގެ ކުރީކޮޅު އެވެ.

ޔުނިވާސަލް އިން މިހާރު ތިމް ޕާކްތައް ހިންގަމުން އަންނަނީ އެމެރިކާ އާއި ޗައިނާ އާއި ޖަޕާނާއި ސިންގަޕޫރްގަ އެވެ.