ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީ، ފިލްމީ ދުނިޔެ އަށް ތައާރަފުކޮށް ދިން ޕްރޮޑިއުސަރު ސަލީމް އަޚްތަރު މަރުވެއްޖެ އެވެ.
މިޑިއާތަކުން ބުނީ 73 އަހަރުގައި އޭނަ ރޭ މަރުވީ ސިއްހީ ހާލު ދެރަވެގެން މުމްބާއީގެ ކޮކީލާބިން ދިރުބާއީ އަމްބާނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އޭނަގެ ޖަނާޒާ މިއަދު ވަނީ ބާއްވައިފަ އެވެ.
ބޮލީވުޑްގެ މިހާރު އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ މިހާރުގެ ވެރިޔާ އަދިތިޔާ ޗޯޕްޅާގެ އަންހެނުން ރާނީ ބޮލީވުޑަށް ތައާރަފުވީ ސަލީމް ޕްރޮޑިއުސްކުރި 1997 ގެ "ރާޖާ ކީ އާއޭގީ ބާރާތު" އިންނެވެ. އެ ފިލްމު ނެރުނު އިރު ރާނީގެ އުމުރަކީ 19 އަހަރެވެ.
"ރާޖާ ކީ އާއޭގީ ބާރާތު" ގެ ފަހުން ވެސް ސަލީމް ޕްރޮޑިއުސްކުރި ފިލްމެއް ރާނީ ކުޅުނެވެ. އެއީ 2000 ވަނަ އަހަރުގެ "ބާދަލް" އެވެ.
ރާނީ އާންމުންގެ ތެރޭގައި މަޝްހޫރުވީ 1998 ގެ "ކުޗް ކުޗް ހޯތާ" ހޭ އިންނެވެ.
ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އަދި އެންމެ ހުނަރުވެރި ބަތަލާއިންގެ ތެރޭގައި ހިމެނޭގެ ފިލްމީ ކެރިއަރު ފައްޓަވައި ދިން ޕްރޮޑިއުސަރު މަރުވި އޭނަ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ބަޓްވާރާ"، "ލޯހާ"، "ގަޔާމަތު"، އިއްޒަތު"، "ބާޒީ" "އާދުމީ" އަދި "ދޫދު ކާ ކަރުޒް" ހިމެނެ އެވެ.
ސަލީމްގެ މަރާ ގުޅިގެން ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މިޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.