Last Updated: April 30, 05:48
Wednesday, April 30, 2025
ރިޕޯޓް

މަތިކިޅީގެ ކަނޑޮފިށި ހިމާޔަތް ކުރަން ޖެހޭ!

މަތިކިޅި އިކޯ ގާޑެންގެ މަންޒަރެއް. ފޮޓޯ/ ސާއިދު

މިހާރު މި ފެންނަ އައްޑޫ މީދޫ މަތިކިޅި ސަރަހައްދަކީ އެވޭލާ ޒަމާނުގައި މީދޫގެ އިރުމަތިން ތިލަ ފަޅެކެވެ. އެ ފަޅުތެރޭގައި ކުދިކުދި ފިނޮޅުތަކާއި ރަށްތަކެވެސް ހުއްޓެވެ. ޗަސްބިމަކަށާއި ކުޅިއަކަށް މިދެންނެވި ފަޅުމަތި ބަދަލުވީފަހުންވެސް ވަކި ރަށްތަކެއްގެ ގޮތުގައި ފާހަގަކުރެވޭ ދެތަނެއް އޮވެއެވެ. އެއީ އިސްމެހެލިމަނިކާ ރަށާއި ކަނޑޮފިށި އެވެ. މިތަނުން މިހާރު ވަކި ރަށެއްގެ ގޮތުގައި ފާހަނގަ ވާން އޮތީ ހަމައެކަނި ކަނޑޮފިށިއެވެ.

ކުދިކުދި ރަށްރަށާއި ފިނޮޅަށް ކިޔާފައި ހުންނަ 'ފުށި' ނުވަތަ ފުއްޓަށް އައްޑޫ ބަހުން ކިޔަނީ 'ފިށި" އެވެ. އެހެންކަމުން ޒަމާނުއްސުރެ ކަނޑޮފިށީގެ ނަމުން ކިޔަމުން އައިސްފައި ވާނީ ވަކި ރަށެއްގެ ގޮތުގައި އޮތީމާ ކަމަށް ގަބޫލު ކުރެވެ އެވެ. މީދޫގެ އެކި ސަރަހައްދުތަކަށް ކިޔަމުން އަންނަ ޚާއްސަ ނަންތަކެއް ވެއެވެ. އޭގެ ތެރެއިން ރަށްރަށުގެ ގޮތުގައި ނަން ކިޔަމުން އައިސްފައި ވާނީ ތަބައީ ގޮތުން ކުރީއްސުރެ ވަކި ރަށްރަށުގެ ގޮތުގައި ހުރި ތަންތަނަށެވެ.

ކަނޑޮފިށީގެ ޖިއޮގްރަފިކް ލޮކޭޝަނަކީ 0°35'13.5"S 73°14'00.6"E. އެވެ.

ބޮޑުމިނަކީ 30،0000 އަކަފޫޓެވެ. އެއީ ކުރީ ޒަމާނުގެ ބޮޑު ގޯއްޗެއްގެ ސައިޒެވެ. ދިގުމިނަކީ 250 ފޫޓެވެ. އެވްރެޖް ފުޅާމިނަކީ 120 ފޫޓެވެ. މަތިކިޅި އީކޯ ގާޑަނާ ދެމެދުގެ ދުރުމިނަކީ ހަތަރު ސަތޭކަ ފޫޓެވެ. މީދޫ މަޖުދުއްދީން މަގު (ބޮޑުހުރަސްމަގު) ގެ ދެކުނު ފަރާތުން ފެށިގެން ދުރުމިނަކީ ހަސަތޭކަ ހަތްދިހަ ފޫޓެވެ. އިރުމަތީ ފަރާތުން ވެމްކޯ ބައުންޑަރީގެ ފުރަގަހުން ފެށިގެން ތިން ސަތޭކަ ތިރީސް ވަރަކަށް ފޫޓެވެ.

ކަނޑޮފިށީގައި ދިއްގާގަހާއި މާކަށިކެޔޮގަސް ބޯކޮށް ހެދިފައި ހުރެ އެވެ. އޭގެ އިތުުރުން ނިރިއްޔާއި އެކި ބާވަތުގެ ދިގު ވިނަވެސް ހެދިފައިވެ އެވެ. އެންމެ ފަހުން މަތިކިޅީގައި ގަދައަށް ރޯވީ ބޮޑު އަލިފާނުގެ ހާދިސާގައި، ކަނޑޮފިށި އެއްކޮށް އަނދައިގެން ދިޔަ އިރު، އެތަން އޮތީ ވަރަށް ބޯކޮށް ހެދިފައި އޮތް ޖަންގައްޔެއްގެ ގޮތުގައެވެ.

މިދެންނެވި އަލިފާނުގެ ހާދިސާ ހިނގީ މާޗް 19، 2025 ގަ އެވެ. ބޯކޮށް ހެދިފައިވާއިވާ ގަސްތަކުން ވަށައިގެން ބެދިފައިވާ އިރު، އެ ގަސްގަހުގެ ކެނޮޕީން އެ ސަރަހައްދުގެ މަތި ވެސް ވަނީ ބެދިފަ އެވެ. އެހެންކަމުން ކަނޑޮފިށި ސިފަވަނީ ކުޑަވަރެއްގެ ޓްރޮޕިކަލް ރެއިންފޮރެސްޓެއްގެ ގޮތުގައެވެ. އެފަދަ ރީތި ފޮރެސްޓަކަށްވެފައި ވަނީ، ދިގު މުއްދަތަކަށް އިންސާނުންގެ ފުށުން އެއްވެސް ގެއްލުމެއް ނުވަތަ އުނދަގުލެއް ފޯރާފައި ނުވާތީ އެެވެ.

މަތީކިޅީގެ މާހައުލުގައި އާން މުގޮތެއްގައި އުޅޭ ދޫނި ސޫފާސޫފީގެ ތެރޭގައި ހިމެނޭ ކަނބިލި، ވަލިކުކުޅު ނުވަތަ ވަލިހައު، ރާބޮނދި އަދި މާކަނާގެ ސެންކްޗަރީ އަކަށް ވެފައިވަ ނީވެސް ކަނޑޮފިށި އެވެ. މޫސުމީ ގޮތުން މަތިކިޅި ސަރަހައްދަށް އަންނަ ގިނަ ދޫނިތައް މަޑުކުރާ ވަގުތީ މަރުކަޒަކީވެސް ކަނޑޮފިށިއެވެ.

އެހެންވީމާ މި ބާވަތުގެ ހުރިހާ ދޫންޏަކަށް ބޭނުންވާ ހިޔާވެހިކަމާއި ރައްކާތެރިކަން ލިބިދިނުމަށްޓަކައި ޚާއްސަ ގޮތެއްގައި ކަނޑޮފިށި ހިމާޔަތް ކުރާން ޖެހެ އެވެ.

ނޯޓް: މިއީ "މަތިކިޅި އިކޯ ގާޑެން ބާއި މަތިކިޅި ސޮސައިޓީ" އެފްބީ ޕޭޖްގައި އަބްދުއްﷲ ޒުހުރީ ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.