Last Updated: May 1, 00:08
Tuesday, April 30, 2024
ކުޅިވަރު

އެމްސީޔޫ ޓީޗާސް ފުޓްސަލް: ކޭޕީއެސް އަދި މަރަދޫ ސްކޫލް ސެމީއަށް!

ހިތަދޫ އެމްސީ ޔުނައިޓެޑުން ބޭއްވި އަންހެން ފުޓްސަލް މުބާރާތުގެ ތެރެއިން. އައްޑޫގައި އަންހެން ފުޓްސަލްގެ ފޯރި އަންނަނީ ގަދަ ވަމުން

މިހާރު ހިތަދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ އެމްސީޔޫ ޓީޗާސް ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލަށް ފޭދޫ ކުދިމާ ޕްރީ ސްކޫލާއި މަރަދޫ ސްކޫލް ގޮސްފިއެވެ.

ކުދިމާ ސެމީ ފައިނަލުން ޖާގަ ހޯދީ ގްރޫޕް އޭގެ އެއްވަނަ ޓީމްގެ ގޮތުގައެވެ. ކުދިމާ ވަނީ ކުޅުނު ތިން މެޗް ކާމިޔާބްކޮށް ޖުލްމަ 9 ޕޮއިންޓާއި އެކު ގްރޫޕް އެއްވަނަ ހޯދާފައެވެ.

ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ކުޅުނު މަޝްހޫރު ފާތިމަތު އަލްމާ ހިމެނޭ ކުދިމާ ޕްރީ ސްކޫލާއި ޝަރަފުއްދީން ސްކޫލް އިއްޔެ ހަވީރު ކުޅުނު ގްރޫޕްގެ ފަހު މެޗް ކާމިޔާބް ކުރީ 1-3 ލަނޑުންނެވެ.

އެގްރޫޕްގައި މަރަދޫ ސްކޫލާއި، ކެންގަރޫ ކިޑްސްގެ ޓީމް ބައްދަލު ކުރި ފޯރިގަދަ މެޗް ނިމުނީ 2-1 ލަނޑުން މަރަދޫ ސްކޫލް މޮޅުވެގެންނެވެ. މި ނަތީޖާ އާއި އެކު ގްރޫޕް އޭގެ ދެވަނަ ޓީމްގެ ގޮތުގައި މަރަދޫ ސްކޫލް ސެމީއަށް ގޮސްފައިވަނީ 4 ޕޮއިންޓާއި އެކު އެވެ.

ގްރޫޕް ބީން ސެމީއަށްދާ ޓީމްތައް ކަށަވަރުވާނީ މިއަދު ކުޅޭ އެގްރޫޕްގެ ފަހު މެޗްތަކުންނެވެ.

ގްރޫޕް ބީގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރާނީ އަމާން ޕްރީސްކޫލާއި، މެދުވަލު ސްކޫލެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އުޖާލާއާއި ހިތަދޫ ސްކޫލެވެ. މިމެޗު އެއްވަރުވިޔަސް އުޖާލާއަށް ސެމީ ޖާގަ ކަށަވަރުވާނެއެވެ.

ޖުމްލަ 9 ސްކޫލަކުން، 11 ޓީމް ވާދަ ކުރާ މި މުބާރާތުގައި ބައިވެރިވެފައިވަނީ ފިރިހެން ތިން ޓީމާއި އަންހެން އަށް ޓީމެވެ.

މުބާރާތުގައި ބައިވެރިވި ފިރިހެން ޓީމުތަކަކީ މަރަދޫފޭދޫ ސްކޫލް ޓީމާއި، ޝަރަފުއްދީނާއި، ހިތަދޫ ސްކޫލެވެ.

ފިރިހެން ތިން ޓީމް ވާދަކޮށް ހުރިހާ ޓީމެއްވެސް ޕޮއިންޓްގެ ގޮތުން އެއްވަރު ވުމުން ފައިނަލަށް ދާ ޓީމްތައް ހޮވާފައިވަނީ ގޯލް ތަފާތުންނެވެ.

ގޯލް ތަފާތުން ފައިނަލުން ޖާގަ ހޯދާފައިވަނީ ހިތަދޫ ސްކޫލް އާއި ޝަރަފުއްދީން ސްކޫލްއެވެ.

ހިތަދޫ އެމްސީ ޔުނައިޓެޑް ޖަމިއްޔާއިން އިންތިޒާމް ކުރާ މި މުބާރާތަކީ އައްޑޫގައި ޓީޗަރުންނަށް އަމާޒުކޮށްގެން މިގޮތަށް ބޭއްވި ފުރަތަމަ މުބާރާތެވެ. މި މުބާރާތަށް ފައިސާގެ އިނާމެއް ކަޑައެޅިފައި ނުވި ނަމަވެސް ދެން އަންނަ މުބާރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހެޅޭނެ ކަމަށް އެމްސީ ޔުނައިޑެޓުން ބުނެއެވެ.