ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނާއި ޕްރޮޑިއުސަރު މަހާވީރު ޖެއިން ގުޅިގެން ކާތިކް އާރިއަނާ އެކު ހަދަން ނިންމާފައިވާ ކޮމެޑި ޓްރިލޮޖީގެ ނަމަކީ "ނާގްޒިއްލާ" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑް ހަންގާމާ އިން ބުނީ ފިލްމުގެ ނަން ފައިނަލް ކުރުމާ އެކު، އޭގެ ފަސްޓްލުކް ޕޯސްޓަރުތަކެއް ވެސް މިހާރު ޝޫޓްކޮށް ނިންމާފައިވާތީ މި މަހުގެ ތެރޭގައި ރަސްމީކޮށް ފިލްމު އިއުލާން ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. "ނާގްޒިއްލާ" ޓްރިލޮޖީ ޑައިރެކްޓްކުރާނީ ކުރިން ވެސް "ފުކްރޭ" ގެ ނަމުގައި ކާމިޔާނު ކޮމެޑީ ޓްރިލޮޖީއެއް ގެނެސްދީފައިވާ މިރްގަދީޕް ސިންގް ލާމްބާ އެވެ.
ހަންގާމާ އިން ބުނީ ކާތިކާ އެކު "ނާގްޒިއްލާ" އިން އާ ބަތަލާ އަކު ތައާރަފު ކުރާނެ ކަމަށް ބެލެވޭ ކަމަށާއި ފިލްމު ފުރަތަމަ ބައިގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށަން ޕްލޭންކޮށްފައިވާ ކަމަށެވެ.
ބޮލީވުޑްގެ މިހާރު ޑިމާންޑް ބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ކާތިކްގެ އަތުގައި ދަރުމާގެ އެހެން ފިލްމެއް ވެސް އެބައޮތެވެ. އެއީ އަންނަ އަހަރުގެ ފެބްރުއަރީ 13 އަށް ތާވަލުކޮށްފައިވާ ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ ތޫ މޭރީ" އެވެ. އޭގެ ޑައިރެކްޓަރަކީ ކާތިކްގެ 2023 ގެ "ސަތިއަޕްރޭމް ކީ ކަތާ" ވެސް ގެނެސްދިން ސަމީރު ވިދްވަންސް އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަންނަ މަހުގެ ތެރޭގައި ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ ފިލްމުގެ ބަތަލާ އަކީ އަނަންޔާ ޕާންޑޭ އެވެ.
މިދިޔަ އަހަރު "ޗަންދޫ ޗެމްޕިއަން" އާއި "ބޫލް ބުލައްޔާ 3" އިން ފެނިގެން ދިޔަ ކާތިކްގެ ކުރިއަށް އޮތީ މި އަހަރުގެ ނޮވެމްބަރު ގައި ގެނެސްދޭން ހަމަޖެހިފައިވާ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ. ނަން އަދި އިއުލާން ނުކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ އަނޫރާގް ބާސޫ އެވެ. އަދި ފިލްމުގެ ބަތަލާ އަކީ ސްރީލީލާ އެވެެ.