Last Updated: April 18, 20:01
Friday, April 18, 2025
ދުނިޔެ

ހެލިކޮޕްޓަރެއް ވެއްޓި އާއިލާއެއްގެ 5 މީހަކު މަރުވެއްޖެ

ހެލިކޮޕްޓަރު ދަތުރު ފެށުމުގެ ކުރިން އެގަސްޓިން އަންހެނުންނާއި ކުދިންނާ އެކު.

އެމެރިކާގައި ޓޫރިސްޓުން އުފުލާ ހެލިކޮޕްޓަރެއް ވެއްޓި ސްޕެއިންގެ އާއިލާއެއްގެ ފަސް މީހަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ނިއު ޔޯކްގެ ހަޑްސަން ކޯރަށް ވެއްޓުނު ހެލިކޮޕްޓަރުގައި ހަ ވަނަ މީހަކަށް އިނީ ޕައިލެޓެވެ. އާއިލާގެ ފަސް މީހުންނާ އެކު 38 އަހަރުގެ ޕައިލެޓް ވެސް މަރުވެފައިވާ އިރު، މަރުވި އާއިލާގެ މީހުންގެ ތެރޭގައި ހިމެނެނީ ދެމަފިރިންނާއި އެ މީހުންގެ ތިން ކުދިންނެވެ. އެއީ އެއީ 11 އަހަރާއި 5 އަހަރާއި 4 އަހަރުގެ ކުއްޖެކެވެ.

ނަމަވެސް އެ މީހުންގެ ވަނަވަރެއް އަދި ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން ބުނީ މަރުވި އާއިލާގެ ފިރިހެން މީހާ އަކީ ސީމެންސް ކުންފުނީގެ ސްޕެއިން ބްރާންޗްގެ ރައީސް އަގަސްޓިން އެސްކޯބާ ކަމަށެވެ.

އެ އާއިލާ އެމެރިކާ އަށް ދިޔައީ އިއްޔެގެ ވަގުތެއްގަ އެވެ.

ހެލިކޮޕްޓަރު ކޯރަށް ވެއްޓުނު މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އިރު، ވެއްޓުމުގެ ކުރިން ހެލިކޮޕްޓަރު އެކޮޅުކޮޅުން ޖެހޭ ތަން ވެސް ފެނެ އެވެ. ނަމަވެސް އެ ވެއްޓެން ދިމާވި ސަބަބެއް އަދި މިހާތަނަކަށް ނޭނގެ އެވެ.

ނިއު ޔޯކްގެ ޕޮލިސް ކޮމިޝަނަރު ޖެސިކާ ޓިޝް ވިދާޅުވީ ހެލިކޮޕްޓަރު ވެއްޓުނު ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.